
ސައުދީ އަރަބިއްޔާއިން ކޮންމެ ރަމަޟާންމަހަކު ކުރިއަށްގެންދާ ކަދުރު ހަދިޔާކުރުމުގެ ޙަރަކާތުގެ ދަށުން، މި އަހަރު ވެސް 15 ޓަނުގެ ކަދުރު ހަދިޔާކޮށްފިއެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިއަދު އެކަމަށް ބޭއްވުނު ޚާއްޞަ ރަސްމިއްޔާތުގައި މި އެހީ ސަރުކާރާ ހަވާލުކޮށްދެއްވީ ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލް ގަހްތާނީއެވެ. އަދި ދިވެހިރާއްޖޭގެ ސަރުކާރުގެ ފަރާތުން މި އެހީއާ ހަވާލުވެލެއްވީ، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދުއެވެ.
އާންމު ރައްޔިތުންނަށް ބެހުމަށް ސައުދީ ސަރުކާރުން ހަދިޔާކުރާ 50 ޓަނުގެ ކަދުރުގެ ޝިޕްމަންޓް ވަރަށް އަވަހަށް ލިބޭނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތުދެއެވެ. އެ ޝިޕްމަންޓް ލިބުމާ އެކު، މާލެއާއި އަތޮޅުތަކުގެ ރަށްތަކަށް ކަދުރު ބެހުމުގެ މަސައްކަތް ހަލުވިކަމާ އެކު ފެށިގެންދާނެ ކަމަށް ވެސް އެ ވުޒާރާއިން ބުނެއެވެ.
މި އެހީއަކީ ސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސައުދުގެ ޚާއްޞަ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދާ ޙަރަކާތެކެވެ. މީގެ އިތުރުން އިއްޔެ ވަނީ ރޯދަވީއްލުން ހަދިޔާ ކުރުމުގެ ޕްރޮގްރާމް ވެސް ރަސްމީކޮށް ރާއްޖޭގައި ފަށާފައެވެ.

