
މެދުއިރުމަތީގައި ހިނގަމުންދާ ތަޅާފޮޅުންތަކާއެކު ދުނިޔޭގެ ގިނަ ގައުމުތައް އެތިބީ ތެލަށް ތާށިވެފަ އެވެ. ގޭހަށް ޖެހިފަ އެވެ. ރާއްޖެ ވަށައިގެންވާ ގައުމުތަކަށް ބަލާއިރު ވެސް ފެންނަނީ އެ މަންޒަރެވެ. ދުރުންވެސް އޮތީ އެކަމެވެ. އެހެންވެ މި ހާލަތު އައުމާއެކު ސަރުކާރުން އެންމެ ފުރަތަމަ ތައްޔާރުވީ އެކަން ޔަގީން ކުރުމަށެވެ. މި ހާލަތުގައި ސަރުކާރުން ނެގި ސްޓޭންޑްގެ މައިގަނޑު ސަބަބަކީވެސް މި އެވެ. އެ ސްޓޭންޑާއެކު ޔަގީންކުރީ ރާއްޖެއަށް ގޭހާއި ތެޔޮ ލިބޭނެ ކަމެވެ. މިކަން ވެގެން ގޮސްފައިވަނީ ރާއްޖޭގެ އިގްތިސޯދަށް މިވަގުތަށް އެންމެ މުހިންމު ޔަގީން ކަމަކަށެވެ.
މި ޔަގީންކަމާއެކު ރާއްޖެއަށް މިވަނީ ފައިދާ ލިބެން ފަށާފަ އެވެ. މިގޮތުން އެންމެ ބޮޑު އެއް ކުރިއެރުމަކީ އިގްތިސޯދީ ގޮތުން ރާއްޖެއަށް ލިބެން ފެށި ކުރިއެރުމެވެ. ރާއްޖޭގެ އިކޮނޮމީއަށް ލިބެން ފެށި ފައިދާ އެވެ. މި ދުވަސްވަރަކީ ރާއްޖެއަށް އާއްމުކޮށް ޖެޓް އަންނަ ދުވަސްވަރެއް ނޫނެވެ. ނަމަވެސް މިހާރު ހަފުތާއެއްގެ މައްޗަށް 100 އެއްހާ ޖެޓު ރާއްޖެ އާދެ އެވެ. އަދި ހަމައެކަނި ޖެޓު އަންނަނީ އެއް ނޫނެވެ. ޖެޓާއެކު މަހުޖަނުންވެސް ރާއްޖެ އައިސްފައިވެ އެވެ. މި މީހުން އެމީހުންގެ އާއިލާއާއެކު ރާއްޖެ އައިސް އެތިބީ ލޯންގް ސްޓޭ ނަގައިގެންނެވެ. މާނައަކީ އެމީހުން ވިސާގައި ހިމެނޭ އެންމެ ދިގު މުއްދަތަކަށް ރާއްޖޭގައި ތިބޭނެ އެވެ. މި ޔަގީންކަން ލިބިގެން ދިޔައީ ސަރުކާރުން ތެލުގެ ޔަގީންކަން ދިނުމުންނެވެ. ދުނިޔޭގެ އެހެން ގައުމުތަށް ފަދައިގެން ކަރަންޓު ކެނޑުމާ ތެޔޮ ކޮންޓްރޯލް ކުރަން ޖެހޭ ހާލަތަށް ނުދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދިނުމުންނެވެ.

ޓޫރިޒަމް ސިނާއަތުގެ އިސް ފަރާތްރަކުން ބުނެފައިވާ ގޮތުގައި ތެލުގެ ކަންކަން ސަރުކާރުން މެނޭޖުކުރަމުންދާ ގޮތުގެ ސަބަބުން ރާއްޖެއާމެދު އޮތް އިތުބާރު ވަނީ އިތުރުވެގެން ގޮސްފަ އެވެ.
“ސަރުކާރުން ކޮންމެ ހަފުތާއަކު އެބަ އަޕްޑޭޓް ދެއްވާ، ޔަގީންކަން ދެއްވާ. މިއީ މި ވަގުތަށް ގައުމަކަށް ބޭނުންވާނެ އެންމެ ބޮޑު ޔަގީންކަން،”
ރާއްޖޭގެ ރަަށްރަށަކާއި ރިސޯޓްތައް ހިމެނޭ ގޮތަށް ކަރަންޓު ދޭން އަހަރު ގާތްގަނޑަކަށް 4 މިލިއަން ފީފާގެ ތެޔޮ ބޭނުންވެ އެވެ. އަދި މި ތެޔޮ އެތެރެކުރަން އަހަރު ގާތްގަނޑަކަށް 600 މިލިއަން ޑޮލަރު ހޭދަކުރަން ޖެހެ އެވެ. ސަރުކާރުން ވަނީ އޯޕެކް ފަދަ ޖަމިއްޔާތަކާއެކު މިކަން ޔަގީންކޮށްފަ އެވެ. އެގޮތުން އެސްޓީއޯގެ ދެ ބޯޓެއް އޮމާނުން ތެޔޮ ގެންނައިރު އަންނަ މަހު ސިންގަޕޫރު އަދި މެލޭޝިއާ ހިސާބުންވެސް ތެޔޮ ގެންނަން ފަށާނެ އެވެ. މީގެ އިތުރުން ތެލުގެ އަގު އުފުލުގެ ސަބަބުން އިގްތިސޯދަށް އަންނަ ދަތު ކުޑަކުރަން އަޅާފައިވާ ފިޔަވަޅުތަކަކީވެސް މި ވަގުތަށް ލިބޭ ބޮޑު ހިތްހަމަ ޖެހުމެވެ. މިވަގުތު ދުނިޔޭގެ ބާޒާރުގައި ތެޔޮ ހުރި ވަރަށް ބަލާއިރު ރާއްޖޭގައި ތެޔޮ ލިޓަރެއްގެ އަގު އުޅޭނީ 30ރ. އިން މަތީގަ އެވެ. ނަމަވެސް ބަޖެޓުން ސަބްސިޑައިޒްކޮށް އަގު އުފުލުނަ ނުދީ ވަނީ ހިފަހައްޓާފަ އެވެ.
މަސްވެރިންނަަށް ދަނީ ސަބްސިޑައިޒް އަގުގައި ތެޔޮ ދެމުންނެވެ. އަދި ދަތުރުފަތުރު ކުރާ ފަރާތްތަކަށްވެސް ޓިކެޓުގެ އަގު އުފުލުނަ ނުދިނުމަށްޓަކައި ސަބްސިޑީ އަގުގައި ތެޔޮދެ އެވެ. މިހުރިހާ ކަމާއެކު އިގްތިސޯދަށް މިހާލަތުން ކުރިން ލިބޭނެ ކަމަށް އަންދާޒާކުރި ގެއްލުން ވަނީ ކުޑަ ކުރެވިފަ އެވެ. މިއާއެކު މަޑުޖެހިފައިވާ ޓޫރިޒަމް އެހެން ދިމަދިމާލުން ދިރުން ގެނެސްގެންވެސް ފައްޓަން ދަނީ މަސައްކަތް ކުރަނުންނެވެ. މިހުރިހާ ކަމަކާއެކު އިގްތިސޯދު މި ފެންނަނީ ދިރިރުން ލިބެމުން އަންނަ ތަނެވެ.

