ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް އެކައުންޓްސް އެންޑް ފައިނޭންސް ޑިރެކްޓަރުން އައްޔަނުކުރުމުގެ އުސޫލަށް ލުއިތަކެއް ދީފި އެވެ.
މީގެ ކުރިން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އެކުލަވާލައިފައި އޮންނަ އުސޫލުގެ ދަށުން ސަރުކާރުގެ ކުންފުނިތަކުގެ ބޯޑަށް އެކައުންޓްސް އެންޑް ފައިނޭންސް ޑިރެކްޓަރުންގެ ގޮތުގައި އައްޔަނުކުރެވޭނީ އިންޓަނޭޝަލް ފެޑަރޭޝަން އޮފް އެކައުންޓެންޓްސް (އައިފެކް) އިން ގަބޫލު ކުރާ އެކައުންޓިން ބޮޑީއެއްގެ މެންބަރަކަށެވެ،
އެހެން ނަމަވެސް ޕީސީބީން މިއަދު ނެރުނު އާ އުސޫލުގައިވާ ގޮތުން (އައިފެކް) އިން ގަބޫލު ކުރާ އެކައުންޓިން ބޮޑީއެއްގެ މެންބަރަކަށް ނުވިޔަސް އެކައުންޓިންގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށް ތަޖުރިބާ ހުރިނަމަ އެކައުންޓްސް އެންޑް ފައިނޭންސް ޑިރެކްޓަރުންގެ މަގާމަށް އައްޔަނުކުރެވޭނެ އެވެ.
އެގޮތުން މަގާމަށް އައްޔަނުރެވޭނެ އެންމެ ދަށް ކޮލިފިކޭޝަންއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އެކައުންޓިން އެންޑް ފައިނޭންސް ނުވަތަ އޮޑިޓް ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައި ވުމެވެ. އަދި އެ ތައުލީމީ ފެންވަރާއެކު ފަސް އަހަރުގެ ތަޖުރިބާ ވެސް ހުންނަން ޖެހޭނެ ކަމަށް ވެސް ޝަރުުތުތަކުގެ ތެރޭގައި ބުނެފައިވެ އެވެ.
އެ ނިންމުން ނިންމީ އެ މަގާމުތަކަށް މީހުން ހޯދުމަށް ދިމާވެފައިވާ ދަތިތަކާ ގުޅިގެން ކަމަށް ވެސް ޕީސީބީން ބުންޏެވެ.
އެ ނިންމުން ޕީސީބީން ނިންމީ އެ ބޯޑުން އިއްޔެ ބޭއްވި ޖަލްސާގަ އެވެ.