ވަށައިގެންވާ ހުރިހާ ހެކިތަކަށް ރިއާޔަތްކޮށް ހާދިސާ ހިނގައިދިއަ ގޮތް ކަމުގައި ވަކި ގޮތެއް ކަނޑައެޅޭނެ މަރުހަލާއަކަށް ތަހުގީގު ނުދަނީސް، ހާދިސާ ހިނގައިދިއަ ގޮތް ކަމަށް ދޭހަވާނެ ފަދަ ގޮތަކަށް މައުލޫމާތު ހިއްސާ ކުރުމަކީ ފުލުހުންނާ މެދު އާންމުންގެ އިތުބާރު ގެއްލި ތަހުގީގުގެ ނަޒާހާތްތެރިކަމާ މެދު ސުވާލު އުފެދޭނެ ފަދަ ކަމެއް ކަމުގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފި އެވެ.
އެޗްއާރުސީއެމުން އެހެން ބުނީ މާލޭގެ ހެންވޭރުގައި ހުންނަ ގެއަކުން ގުދަނެއްގެ ފުރާޅު މައްޗަށް ޒުވާން އަންހެނަކު ވެއްޓުނު މައްސަލަ އާ ގުޅިގެން އޭނާ ވެއްޓުނު ގޮތާއި މައްސަލައިގައި ފުލުހުން އަމަލުކުރަމުން ގެންދާ ގޮތާ މެދު ސުވާލު އުފައްދައި ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގެ ޕްލެޓްފޯމުތަކުގައި ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގަ އެވެ. ކަމާ ގުޅިގެން ކުރެވޭ ތުހުމަތުތަކާ އެކު ޒުވާނާއަށް އިންސާފު ނުލިބޭ ކަމަށް ބުނެ ޒުވާނުންނާއި އާންމުންގެ ގިނަ ބަޔަކު މަޖީދީ މަގުގައި ހުންނަ ފުލުހުންގެ ސާޖެންޓް އާދަމް ހަލީމް ބިލްޑިން ކުރިމަތީގައި ރޭ ވަނީ އިހުތިޖާޖުކޮށްފަ އެވެ.
މިއަދު ނެރުނު ނޫސް ބަޔާނެއްގައި އެޗްއާރުސީއެމުން ބުނީ މައްސަލަ އާ ގުޅިގެން އިދާރާތަކުން އަމަލުކުރަމުންދާ ގޮތް އެ ކޮމިޝަނުން ތަހުގީގު ކުރަމުންދާ ކަމަށެވެ. އެ ހާދިސާ ތަހުގީގު ކުރުމުގައި ފުލުހުންގެ އިހުމާލުތަކެއްވާ ކަމަށާއި މައްސަލައިގައި ޝާމިލުވާ ފަރާތްތަކަކީ ދައުލަތުގެ އިސް ފަރާތްތަކާ ގުޅުންހުރި ފަރާތްތަކެއް ކަމުން ތަހުގީގަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެ ކުރާ ބޮޑެތި ތުހުމަތުތަކަށް އެ ކޮމިޝަނުގެ ތަހުގީގުގައި ރިއާޔަތްކުރާނެ ކަމަށެވެ.
އެ ކަންކަން ކޮމިޝަނުގެ ސަމާލު ކަމަށް އައުމާ ހިސާބުން، ކޮމިޝަނުން ވަނީ އަނިޔާވެފައިވާ ފަރާތުގެ އާއިލާގެ ބަހެއް ހޯދުމަށް ތަކުރާރުކޮށް މަސައްކަތްކޮށްފައި ކަމަށް އެޗްއާރުސީއެމުން ބުންޏެވެ. އާއިލާގެ ފަރާތުން މައުލޫމާތު ލިބިފައި ވަނީ މިއަދުގެ ވަގުތެއްގައި ކަމަށާ އަދި އާއިލާގެ ފަރާތުން ފުލުހުންނާއި އެހެނިހެން އިދާރާތަކުގެ މަސައްކަތްތަކާމެދު ކަންބޮޑުވުން ހިއްސާކޮށްފައިވާ ކަމުގައި ފާހަގަކުރި އެވެ.
“ޖިނާއީ ތަހުގީގެއްގެ އިނީޝިއަލް ސްޓޭޖެއްގައި އަދި ވަށައިގެންވާ ހުރިހާ ހެކިތައް ދެނެގަނެ، އެ ހެކިތައް ހޯދުމަށް މަސައްކަތް ކުރަމުންދާ މަރުހަލާގައި ލިބިފައިވާ ވަކި ހެކިތަކެއް އެކަނި އާންމުކުރުމަކީ ތަހުގީގަށް އަސަރު ކުރުމުގެ ފުރުސަތު އޮންނާނެ ކަމެކެވެ.” ބަޔާނުގައިވެ އެވެ.
އެޗްއާރުސީއެމުން ބުނި ގޮތުގައި މިދިޔަ އަންގާރަ ދުވަހާއި މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މައްސަލައިގައި އަނިޔާވި ފަރާތް އެންމެފަހުން ފެނިފައިވާ އިމާރާތާއި އިމާރާތުގެ ބޭރު ފެންނަ ސީސީޓީވީ ފުޓޭޖް އެކަނި ދައްކާފައިވުމަކީ އެ ކޮމިޝަނުން ކަންބޮޑުވާ ކަމެއް ކަމުގަ އެވެ. އެކަމުގެ ސަބަބުން އެ ވީޑިއޯގައި ފެނިގެންދިޔަ ފަރާތްތަކުގެ ކަރާމާތަށް އުނިކަން އައިސްފައިވުމަކީ ހިތާމަވެރި ކަމެއް ކަމުގަ އެވެ.
އޭގެ އިތުރުން އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާދިސާގައި އަނިޔާވި ފަރާތް ފިޔަވައި މައްސަލަ އާ ގުޅުންހުރި އެހެން ފަރާތްތަކުގެ ނަމާއި މައުލޫމާތު ހާމަކޮށްފައިނުވާއިރު، ހަމައެކަނި އަނިޔާވި ފަރާތުގެ މައުލޫމާތު ހާމަކޮށްފައިވުމަކީ އަނިޔާވި ފަރާތާއި ހާދިސާގައި ހިމެނޭ އެހެން ފަރާތްތައް ތަފާތުކުރުން ކަމުގައި ބެލެވޭތީ އެއީ ވެސް އެ ކޮމިޝަނުން ކަންބޮޑުވާ ކަމެއް ކަމުގައި ފާހަގަކޮށްފައިވެ އެވެ.
އެކަމުގެ ސަބަބުން އަނިޔާވެފައިވާ ފަރާތް އިތުރަށް ވިވްޓިމައިޒްވެގެން ގޮސްފައިވުމަކީ ކޮމިޝަނުގެ ކަންބޮޑުވުމެއް ކަމުގައި އެޗްއާރުސީއެމުން ބުންޏެވެ.
“ވަށައިގެންވާ ހުރިހާ ހެކިތަކަށް ރިއާޔަތްކޮށް ހާދިސާ ހިނގައިދިއަ ގޮތް ކަމުގައި ވަކި ގޮތެއް ކަނޑައެޅޭނެ މަރުހަލާއަކަށް ފުލުހުންގެ ތަހުގީގު ގޮސްފައި ނުވަނީސް، ހާދިސާ ހިނގައިދިއަ ގޮތް ކަމަށް ދޭހަވާނެ ފަދަ ގޮތަކަށް ދިވެހި ފުލުހުންގެ ހިދުމަތުން ނޫސްވެރިންނާ މައުލޫމާތު ހިއްސާކޮށްފައި ވުމަކީ ވެސް މި ކޮމިޝަންގެ ނުހަނު ކަންބޮޑުވުން އޮތް ކަމެކެވެ. އަދި މިއީ ފުލުހުންނާ މެދު އާންމުންގެ އިތުބާރު ގެއްލި ތަހުގީގުގެ ނަޒާހާތްތެރިކަމާ މެދު ސުވާލު އުފެދޭނެ ފަދަ ކަމެއް ކަމުގައި ވެސް ދެކެމެވެ.” ބަޔާނުގައިވެ އެވެ.
އެޗްއާރުސީއެމުން ވަނީ އެއްވެސް ފަރާތެއްގެ ނުފޫޒުން އެއްކިބާވެ ތިބެ، ވަށާ ޖެހޭ، ފުރިހަމަ އަދި ނަޒާހާތްތެރި ތަހުގީގެއް ހިންގުމަށް ފުލުހުންނަށް ގޮވާލާފަ އެވެ. ފުލުހުންގެ ތަހުގީގު ކުރިއަށްދާ ގޮތް އެ ކޮމިޝަނުން މޮނިޓާ ކުރަމުން ގެންދާނެކަން ފާހަގަކުރި އެވެ.
ހާދިސާގައި އަނިޔާވި ފަރާތާއި އެ ފަރާތުގެ އާއިލާގެ ގަދަރާއި ކަރާމާތަށް އިހުތިރާމުކޮށް، އެ ފަރާތުގެ ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިއާގައި އާންމު ނުކުރުމަށް ވެސް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.