ބ. ގޮއިދޫ ފަޅުގައި ރިސޯޓެއް ހަދަން މި މަހު ސޮއިކުރަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާންކުރަައްވައިފި އެވެ.
ރައީސް އެކަން އިއުލާންކުރެއްވީ އިއްޔެ ބ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި މިއަދު ގޮއިދޫއަށް ވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.
ގޮއިދޫ ފަޅުގައި ރިސޯޓެއް ހެދުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެއް ވެސްމެއެވެ.
ރައީސް ވިދާޅުވީ ގޮއިދޫ ފަޅުގައި ރިސޯޓެއް ހަދަން އިއުލާންކޮށް ބަޔަކު ހޯދައި ބިޑް އެވޯޑުކޮށްވެސް ނިންމާފައިވާ ކަމަށެވެ.
އަދި މި މަސް ތެރޭގައި އެ މަސައްކަތުގައި ސޮއި ކުރެވޭނެކަމަށް ވެސް ވިދާޅުވި އެވެ.
ގޮއިދޫއަސް ވެފައިވާ ހުރިހާ ވައުދެއް ފުއްދަވާނެކަމުގެ ޔަގިންކަން ވެސް ރައީސް ދެއްވި އެވެ.
އެ ގޮތުން، އެ ރަށުގެ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް މި މަހު ޓެންޑަރކުރައްވައި، މި އަހަރުގެ ތެރޭގައި އަމަލީ މަސައްކަތް ފައްޓަވާނޭކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އަންނަ އަހަރު އެ މަނިކުފާނު ވިދާޅުވި އެވެ.
އިންޖީނުގޭގެ މައްސަލަތައް ހައްލުކޮށް އިތުރަށް ފުރިހަމަކުރުމުގެ ވަށާޖެހޭ މަޝްރޫޢެއްވެސް، މި އަހަރު ފައްޓަވާނޭކަމުގެ ޔަގީންކަން މިއަދު އެ މަނިކުފާނު ދެއްވި އެވެ.