
މޯލްޑިވްސް ގޭހުން ގޭސް ގަތުމަށް ބޭރުގެ ކުންފުންޏަކަށް ދެއްކި އެޑްވާންސް ފައިސާ ގެއްލުނު މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީއަށް ހުށަހަޅައިފިއެވެ.
މި މައްސަލަ ބަލައިދިނުމަށް އެދި ކޮމެޓީއަށް ހުށަހެޅުއްވީ މާވަށު ދާއިރާގެ މެންބަރު އަހުމަދު ޝާކިރެވެ. އޭނާ ކޮމެޓީއަށް ފޮނުއްވި ސިޓީގައި ވިދާޅުވީ ގޭސް ޝިޕްމަންޓްގެ އެންޑްވާންސްގެ ގޮތުގައި ދުބާއީގެ ކުންފުންޏަކަށް ދެއްކި 246،545 ޑޮލަރު (3.7 މިލިއަން ރުފިޔާ) ގެއްލިފައިވާ މައްސަލައަކީ ސަރުކާރު ހިއްސާ އޮންނަ ކުންފުންޏަކަށް ކުރެވޭ ސީރިއަސް ތުހުމަތެއް ކަމަށެވެ.
އަދި، އެ ފައިސާއަށް ވީގޮތެއް އަދިވެސް ނޭންގޭތީ، އެ މައްސަލަ ތަހުގީގު ކޮށްދިނުމަށް އެ ސިޓީގައި އޭނާ ވަނީ އެދިވަޑައިގެންފައެވެ.
އޭގެއިތުރުން، ގޭސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުالله މުހައްމަދު، މަޖިލީހުގެ ދެ މެންބަރަކަށް ބިރު ދެއްކި ކަމުގެ ތުހުމަތުތަކެއްވެސް ކުރައްވައި، އެ މައްސަލަވެސް ބަލައިދިނުމަށް އެ ސިޓީގައި މެންބަރު އަހުމަދު ޝާކިރު ވަނީ އެދިވަޑައިގެންފައެވެ.
އެގޮތުން، ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސެއިން ޒިޔާދާއި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދަށް ބިރުދެއްކެވުން ކަމަށް ދޭހަވާ ގޮތަކަށް ޝޯޝަލް މީޑިއާގައި އެމްޑީ ޕޯސްޓެއް ކުރައްވާފައިވާކަން އެ ސިޓީގައި ފާހަގަކުރައްވާފައިވެއެވެ.

