
ގެމަނަފުށީ ދާއިރާގެ ކުރީގެ މެމްބަރު ޖަމީލު އުސްމާން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ(އެމްއޭސީއެލް)ގެ ބޯޑަށް މިއަދު އައްޔަނުކޮށްފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު(ޕީސީބީ)އިން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ އެ މަގާމަށް ޖަމީލު އައްޔަނުކުރިކަން ކަށަވަރުކޮށްދީފަ އެވެ.
ޖަމީލު ރައްޔިތުންގެ މަޖިލީހުގައި ގެމަނަފުށީ ދާއިރާ ތަމްސީލުކުރެއްވީ 18 ވަނަ މަޖިލީހުގައި ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގަ އެވެ.
އޭނާ މިހާރު ވެސް ދަނީ ޓްރީޓޮޕް ހޮސްޕިޓަލުގެ ސްޕެޝަލް ޕްރޮޖެކްޓްސް އެންޑް އޮޕަރޭޝަންސް ޑިޕާޓްމަންޓްގެ ވެރިޔާގެ މަގާމު ފުރުއްވަމުން ނެވެ.
އަށް މެމްބަރުންގެ މައްޗަށް އެކުލެވޭ އެމްއޭސީއެލްގެ ބޯޑުގެ ޗެއާމަން އަކީ އައިޝާ ނޫރައިން ޖަނާހު އެވެ. އަދި އެ ބޯޑުގައި އެމްއޭސީއެލްގެ ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދުވެސް ހިމެނިލައްވަ އެވެ.

