
ކަރަންޓުގެ ހިދުމަތް މިވަގުތު މެދުކެނޑިފައި އޮތް ލ. ގަމުގެ ބޮޑު ބަޔަކަށް މިރޭ ކަރަންޓު ދެވޭނެކަމުގެ ޔަގީންކަން ފެނަކައިން ދީފި
ގަމުގައި ހުންނަ ފެނަކައިގެ އިންޖީނުގޭގައި ރޯވީ މިއަދު މެންދުރު ތިނެއް ޖަހާކަން ހާއިރު އެވެ. އެ އަލިފާންގަނޑު ހަވީރު 04:30 ކަންހާއިރު ނިއްވާލި ނަމަވެސް މުޅި ގަމުން ކަރަންޓުގެ ހިދުމަތް އޮތީ މެދު ކެނޑިފަ އެވެ.
އެކަމާ ގުޅިގެން ފެނަކައިން މިރޭ ނެރުނު ބަޔާނުގައި ބުނީ މަސައްކަތް ކުރަމުންދަނީ ވީހާވެސް އަވަހަކަށ ގަމަށް ކަރަންޓު ދިނުމަށް ކަމަށެވެ.
އަދި އެގޮތުން ކުރެވޭ މަސައްކަތުގެ ތެރެއިން މިރޭ ގަމުގެ ބޮޑު ބަޔަކަށް ކަރަންޓު ދެވޭނެ ކަމަށް ވެސް ފެނަކައިން ބުންޏެވެ.
ފެނަކައިން ބުނީ އަލިފާނުގައި ރޯވީ ގަމުގައި ހުންނަ ދެ އެެނެކްސްގެ ތެރެއިން އެނެކްސް އެކެއްގައި ކަމަށާއި އަނެއް އެނެކްސްއަށް އަލިފާނުގެ އަސަރު ނުކުރާ ކަމަށެވެ. އަދި މިހާތަނަށް ބެލި ބެލުމުން ގެއްލުން ލިބުނީ ފަސް އިންޖީނުގެ ތެރެއިން އެއް އިންޖީނަށް ކަމަށާއި އަދި އެ ހާދިސާގެ ސަބަބުން އިންޖީނުގެއަށާއި ފެނަލްތަކަށް ދިމާވި މައްސަލަ ދެނެގަނެ އެ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފެނަކައިން ބުންޏެވެ.
ފެނަކައިން ބުނީ ގަމަށް މިހާރު ފެނުގެ ހިދުމަތް ދޭން ފަށާފައިވާ ކަމަށާއި ނަރުދަމާގެ ނިޒާމަށް ވެސް އެއްވެސް މައްސަލައެއް ދިމާވެފައިވޭތޯ ބަލަމުންދާ ކަމަށެވެ.

