ލޯކަލް ޓޫރިޒަމްގައި އިސްލާމް ދީނުގެ އިންތަކުގައި ހިފަހައްޓަން ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.
އއ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި މިރޭ އުކުޅުގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ އެ ރަށަކީވެސް ވެސް ވަރަށް ގިނަ އަދަދެއްގެ ޓޫރިސްޓު ހޮޓާތަކެއް ހިންގަމުންދާ ރަށެއްކަން ފާހަގަކުަރައްވައިފަ އެވެ.
އެހެން ނަމަވެސް ޓޫރިޒަމްގެ ކަންކަން ކުރިއަށް ގެންދަން ޖެހޭނީ ގާނޫނުތައް ހުއްދަކުރާ ގޮތަށް ކަމަށް ވެސް ވިދާޅުވި އެވެ.
އެގޮތުން ރިސޯޓުތަކާއި ސަފާރީތަކުގައި ކުރާ ކަންކަން ރަށްރަށުގައި ނުކުރެވޭނެކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
އަދި ގާނޫނުތަކުގެ ތެރެއިން ހަނު ފުރުސަތުތައް ހޯދައިގެން އިސްލާމް ދީން ހުއްދަ ނުކުރާ ދިމަދިމާލަށް އަޅުގަނޑުމެން އެ މުއްސަނދިކަން ހޯދަން ދިއުމަކީ އަމިއްލަ އަދި ދަރިންގެ މުސްތަގުބަލު ހަލާކު ކުރުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
“މި ރަށުގެ ކުޑަކުދިންގެ ފަރާތުން އަޅުގަނޑަށް ލިބުނު މެސެޖެއް މިއީ. ކޮއްކޮމެއް ބޭނުން ބީޗަށް ދާން. އެކަމަކު ގެސްޓުން އުޅެނީ އައްޗިކޮށް. ބީޗުގައި ވެސް ރެސްޓޯރެންޓުގައި ވެސް މަގުމަތީގައި ވެސް އުޅެނީ އައްޗި ހެދުން ލައިގެން.” ރައީސް ވިދާޅުވި އެވެ.
އެހެންވެ ލޯކަލް ޓުއަރިޒަމްގައި ވެސް އިންތައް އަޅުގަނޑުމެން ހިފަހައްޓަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އިސްލާމް ދީނުގެ ހަމަތަކުގެ މަތިން މުއްސަނދިކަން ހޯދަން މަސައްކަތް ކުރުމުން އެކަމުގައި ބަރަކާތްލައްވާނެ ކަމަށް ވެސް ރަައީސް ވިދާޅުވި އެވެ.
“ކައިރީގައި އޮންނަ ސަފާރީއަކަށް ރަށުގެ އިހުތިސޯސް މިންކޮށްފަ 700 މީޓަރު އެޅޭ ހިސާބުން ބޭރުގައި، އެއް ފޫޓު ބޭރުގައި ސަފާރީއެއް ބާއްވައިގެން އެއަށް ސިއްރު ސިއްރުން ގެސްޓުން ގެންގޮސްގެން ރާ ވިއްކާ ރާ ދީގެން އަނެއްކާ ރަށަށް ވެސް އަނބުރާ ގެނޭ. މިކަހަލަ ކަންތައްތައް ވެސް ކުރޭ. މި އަތޮޅު އެކަންޏެއް ނޫން. އެހެން ބައެއް ރަށްރަށުގައި ވެސް ލޯކަލް ޓުއަރިޒަމްގައި މަސައްކަތް ކުރާ ފަރާތްތަކުން މި ކަން ކުރަނީ,” ރައީސް ވިދާޅުވި އެވެ.