
ލޭ ހަދިޔާކުރާ ފަރާތްތަކުގެ ދަފުތަރު އޮންލައިންކޮށް ބެލެހެއްޓޭނެ ޒަމާނީ ވެބްސައިޓަކާއި އެޕްލިކޭޝަނެއް އުފެއްދުމުގެ މަސައްކަތް ސިއްހަތާ ބެހޭ ވުޒާރާއިން ފަށައިފިއެވެ.
މިކަން ހާމަކުރައްވާފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އިބްރާހީމް ލޭގެ ޚިދުމަތްތަކާ ގުޅޭގޮތުން ކުރެއްވި ސުވާލަކަށް ލިޔުމުން ދެއްވި ޖަވާބެއްގައި، ސިއްހަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމްއެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި މިހާރު މެނުއަލްކޮށް ބަލަހައްޓަމުން އަންނަ ލޭދޭ މީހުންގެ ރަޖިސްޓްރީ ޑިޖިޓަލް ނިޒާމަކަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް މިހާރު ވަނީ ފެށިފައެވެ. އަދި އަމާޒަކީ އަންނަ 2026 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ޑޯނަރ ރެކްރޫޓްމަންޓް ޕޯޓަލް އަދި އެޕްލިކޭޝަން އާންމުންނަށް ބޭނުންކުރެވޭވަރު ކުރުމެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް، ލޭގެ ބަލިތަކަށް ފަރުވާދިނުމުގެ ފުރިހަމަ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާކަން ވަޒީރުގެ ޖަވާބުގައި ފާހަގަކުރެއްވިއެވެ. މިގޮތުން، ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި މިހާރު ވަނީ ބްލަޑް ބޭންކްތަކެއް ހަދައި ނިންމާފައެވެ. މީގެ އިތުރުން، ތެލަސީމިއާ ކުދިންނާއި ގަވާއިދުން ލޭ އަޅަންޖެހޭ އެހެނިހެން ބަލިމީހުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، 108 ރަށެއްގައި ޓްރާންސްފިއުޝަން ސެންޓަރުތައް ޤާއިމުކޮށް، އެ ތަންތަނަށް ބޭނުންވާ ލެބޯރެޓަރީ ޓެކްނޮލޮޖިސްޓުން ވަނީ ހަމަޖައްސާފައެވެ. މީގެ ސަބަބުން، ބަލިމީހުންނަށް ތިބޭ ރަށުން ނުވަތަ ކައިރި ރަށްރަށުގެ މަރުކަޒުތަކަށް ގޮސް ފަސޭހަކަމާ އެކު ލޭ އެޅޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ.
ލޭ އެޅުމުގެ ޚިދުމަތްތައް ބައިނަލްއަޤްވާމީ ފެންވަރަށް ތަރައްޤީކުރުމަށްޓަކައި، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އަދި ރާއްޖޭގެ ކަމާބެހޭ މާހިރުންގެ އެހީތެރިކަމާ އެކު ދެ އަހަރު ދުވަހުގެ މަސައްކަތުން “ނޭޝަނަލް ބްލަޑް ސްޓޭންޑަޑް” އެއް މިހާރު ވަނީ އެކުލަވާލާފައެވެ. ހަމައެހެންމެ، މުޅި ރާއްޖޭގެ ޓްރާންސްފިއުޝަން ސެންޓަރުތަކުގެ މައުލޫމާތު އެއް ވިއުގައަކުން ގުޅާލައި، ޑީއެޗްއައިއެސް 2 ސޮފްޓްވެއަރ މެދުވެރިކޮށް ލޭ ހަދިޔާކުރާ ފަރާތްތަކުގެ ތަފާސްހިސާބުތައް ވަގުތުން ފެންނާނެ ނިޒާމެއް ވެސް ވަނީ ފަރުމާކޮށްފައެވެ.
މީގެ އިތުރުން، ތެލަސީމިއާ ކޮންޓްރޯލް ކުރުމުގެ ޤާނޫނުގެ ދަށުން ބަލަހައްޓަންޖެހޭ ޤައުމީ ދަފްތަރު، ވަންގަވް ޕޯޓަލް މެދުވެރިކޮށް ރަޖިސްޓަރީކުރެވޭނެ ގޮތް ހަމަޖައްސައި، އެ ނިޒާމު ވެސް ބޭނުންކުރަން ފަށާފައިވާކަން ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ. އައު ޑިޖިޓަލް ޕްލެޓްފޯމްތަކާ އެކު، ލޭ ހަދިޔާކުރަން ތައްޔާރަށް ތިބި މީހުންގެ މައުލޫމާތު ފަސޭހައިން އެއްތަނަކުން ފެންނަން ހުރުމުން، ޓެކްނޮލޮޖީގެ އެހީގައި ލޭ ހޯދުމުގެ ނިޒާމަށް ބޮޑު އިންގިލާބީ ހެޔޮ ބަދަލެއް އަންނާނެކަމަށް ސިއްހަތާ ބެހޭ ވަޒީރު ވިދާޅުވިއެވެ.

