
ލާމަރުކަޒީ ހިދުމަތްތައް ވީހާވެސް ބޮޑަކަށް ފުޅާކުރުމަށް ސަރުކާރުން މިހާތަނަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ލާމަރުކަޒީ ދުވަހާ ގުޅިގެން ރައީސް ވަނީ ހިތޯބެއް ފޮނުއްވާފައެވެ. އެ ހިތޯބުގައި އެމަނިކުފާނު ވިދާޅުވީ، މިހާރު އަމަލުކުރަމުންދާ ގާނޫނުއަސާސީއާއެކު، ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމުގެ ފުރުސަތު އިތުރަށް ފަހިވެފައިވާ ކަމަށެވެ.
“މި ވޭތުވެދިޔަ 2 އަހަރުތެރޭގައި ލާމަރުކަޒީ ހިދުމަތްތައް ފުޅާކުރުމަށް އިތުރު ބާރާއި، ރައްޔިތުންގެ އިތުބާރު ހޯދައިދިނުމަށް ބޮޑެތި މަސައްކަތްތަކެއް ވަނީ ކުރެވިފައި،” ރައީސް ވިދާޅުވިއެވެ.
އެގޮތުން ރައީސް ފާހަގަކުރެއްވީ، ކައުންސިލްތަކަށް އާމްދަނީ ލިބޭނެ މަގުތަށް އިތުރަށް ފަހިކޮށްދިނުމާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް ހައްގު މަގާމު ހޯދިނުމާއި، ކައުންސިލް މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދިނުންފަދަ ކަންކަމެވެ.
“ލާމަރުކަޒީ ގާނޫނު ވުޖޫދުވީއްސުރެ ކައުންސިލްތަކުން އިންތިޒާރުކުރަމުން އައި އެތައް ކަމެއް ހަގީގަތަކަށް ވެއްޖެ،” ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރަށްރަށުގެ ސިއްހީ، ތައުލީމީ އަދި އެނޫންވެސް އިޖުތިމާއީ ހިދުމަތްތައްވެސް ފުޅާކޮށް، ކޮންމެ ރަށެއްގައި ފުލުހުންގެ ހިދުމަތް، އޭޓީއެމް، ކޮންމެ އަތޮޅަކުން އައިޑީ ކާޑާއި ޕާސްޕޯޓް ހެދުން ފަދަ އެތައް ހިދުމަތެއް ގާއިމްކޮށްދީފައިވާ ކަމެކެވެ.
“މޯލްޑިވްސް 2.0ގެ އަމާޒުތައް ހާސިލްވެ. ޑިޖިޓަލް ދިވެހިރާއްޖެއެއްގެ ފަސޭހަތައް ހޯދެމުންދިޔަ ވަރަކަށް ރަށްރަށުގައި ތިބެ، ހިދުމަތްތައް ހޯދައި، އާމްދަނީގެ މަގުތައް ފަހިކުރުމުގެ ފުރުސަތު، ދިވެހި ރައްޔިތުންނަށް އިތުރަށް ތަނަވަސްވެގެން ދާނެ،” ރައީސް ވިދާޅުވިއެވެ.

