
ތެލެސީމިއާގެ އެކި ޓެސްޓުތައް ހެދޭ ޑީއެންއޭ ލެބޯޓަރީއެއް މޯލްޑީވްސް ބްލަޑް ސާވިސް (އެމްބީއެސް)ގައި ގާއިމުކޮށް މިއަދު އެ ތަނުން ހިދުމަތް ދޭން ފަށައިފިއެވެ.
މިއަދާ ހަމައަށް ރާއްޖޭގައި އެ ހިދުމަތް ދެމުންދިޔައީ އަމިއްލަ ޖަމިއްޔާއެއްގެ ޕްރައިވެޓް މެޑިކަލް ލެބޯރެޓަރީ އެއްގަ އެވެ. ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި ރިޔާސީ ބަޔާނުގައި ވިދާޅުވީ ތެލަސީމިއާގެ ބާވަތްތައް، ސިއްހީ މިންގަނޑުތަކަކުން ތަހުލީލު ކުރުމުގައި، ލޭގައި ހިމެނޭ ހީމޮގްލޯބިންގެ 27ބާވަތެއްގެ މިއުޓޭޝަން ދެނެގަތުމަށް ހަދާ އޮޓަމޭޓަޑް ޑީއެންއޭ ތަޙްލީލުކުރާ ލެބޯރެޓަރީ ގާއިމުކޮށް، ފުރަތަމަ ފަހަރަށް ސަރުކާރުގެ ހޮސްޕިޓަލެއްގައި ހިދުމަތްދޭން ތައްޔާރުވެފައިވާ ކަމަށެވެ.
ހެލްތު މިނިސްޓްރީން ބުނީ ރައީސް ވިދާޅުވިފަދައިން މޯލްޑިވްސް ބްލަޑް ސާވިސްގައި އެ ހިދުމަތް ގާއިމުކޮށް މިއަދު ޑީއެންއޭ ލެބޯޓަރީގެ ހިދުމަތް ދޭން ފަށާފައިވާ ކަމަށެވެ.
މިއަދު އެމްބީއެސްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ހިދުމަތް އިފްތިތާހުކޮށްދެއްވީ ހެލްތު މިނިސްޓަރު އަބްދުالله ނާޒިމް އިބްރާހިމްއެވެ.
ރައީސް ދެއްވި ރިޔާސީ ބަޔާނުގައި ވިދާޅުވި ގޮތުން އަލަށް ގާއިމުކުރި ލެބޯޓަރީގެ ހިދުމަތުގެ ސަބަބުން ކުރިން ދެނެނުގަނެވޭ، ލޭގެ މިއުޓޭޝަންތައް ދެނެގަނެ، ތަޙުލީލުތަކުގެ ފެންވަރު ރަނގަޅުކޮށް، އެއާ ގުޅިގެން ދެވޭ ލޭގެ ފަރުވާގެ ފެންވަރު އިތުރަށް މަތިކުރެވިގެންދާނެއެވެ.

