
ތިނަދޫ ސިޓީއަށް ބޭނުންވާ ތަރައްގީ ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި ސަރުކާރަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ތިނަދޫ ސިޓީގެ މޭޔަރު ސައުދު ޢަލީ ވިދާޅުވެއްޖެއެވެ.
ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި އިތުރު ދައުރަކަށް މޭޔަރު ކަމަށް އިންތިހާބުވެވަޑައިގެންނެވި ސައުދު އެފަދައިން ވިދާޅުވީ ލޯކަލް ގަވާމަންޓް މިނިސްޓަރު އާދަމް ޝަރީފްއާ ބައްދަލުކުރައްވައި މިއަދު ދެއްކެވި ވާހަކައިގައެވެ.
މިނިސްޓްރީގައި މިއަދު އޮތް ބައްދަލުކުރެއްވުމުގައި މިނިސްޓަރ އާދަމް ޝަރީފު ވަނީ ލޯކަލް ކައުންސިލް އިންތިހާބުގައި ސައުދު ހޯއްދެވި ކާމިޔާބީއަށް ތަހުނިޔާ ވިދާޅުވެފައެވެ.
އެ ބައްދަލުވުމުގައި ސައުދު ވިދާޅުވީ ތިނަދޫއަށް ތަރައްގީ ގެނައުމަކީ އެންމެ ބޮޑު އަމާޒު ކަމަށާއި، އެ ތަރައްގީ ގެނެސްދިނުމަށް ބޭނުންވާ އެއްބާރުލުން އެ ސިޓީގެ ކައުންސިލުން ފުރިހަމައަށް ދެއްވާނެ ކަމަށެވެ. އަދި ސިޔާސީ ގޮތުން ހިޔާލު ތަފާތުވިޔަސް ހިންގާ މަޝްރޫއުތަކަށް ހުރަސް އެޅުމުގެ ނިޔަތެއް ނުގެންގުޅުއްވާކަމަށް ސަޢުދު ވިދާޅުވިއެވެ.
”ތިނަދޫއަށް ބޭނުންވާ ތަރައްގީ ގެނެސްދިނުމަށް ސަރުކާރަށް ބޭނުންވާ ހުރިހާ އެއްބާރުލުމެއް ދޭނެކަމުގެ ޔަގީންކަން މިނިސްޓަރ އާދަމް ޝަރީފު އުމަރަށް އަދި ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އަރުވަން.”ސައުދު ވިދާޅުވިއެވެ.
ތިނަދޫގެ މޭޔަރު ސައުދު ވަނީ މިހާރުވެސް ސަރުކާރުން އެ ރަށުގައި ގިނަ ކަންތައްތަކެއް ކުރައްވަމުންދާކަން ފާހަގަކުރައްވާފައެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި މިނިސްޓަރު އާދަމް ޝަރީފް ވަނީ އެހީތެރިކަން ފޯރުކޮށް ދިނުމުގައި މިނިސްޓްރީގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އޭގެ އިތުރުން ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ކައުންސިލްތަކާއި ގުޅިގެން ކުރެވިދާނެ ކަންކަމާ ބެހޭގޮތުންވެސް މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

