
މި މަހުގެ 4ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ދ. މީދޫގައި ބެހެއްޓި ވޯޓު ފޮއްޓަކާ ގުޅިގެން ހުށަހެޅުނު ޝަކުވާއަކަށް ބިނާކޮށް އެ ފޮށި އަލުން ގުނުމުން، އެ ރަށު ކައުންސިލްގެ ރައީސްކަމުގެ ގޮނޑި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ކެންޑިޑޭޓް ކާމިޔާބުކުރައްވައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ކޮމްޕްލަޔަންސް ބިއުރޯއަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން އަލުން ގުނާފައި ވަނީ މީދޫގެ 2 ނަންބަރު ވޯޓު ފޮށްޓެވެ. އިންތިޚާބާ ގުޅޭ ޝަކުވާތައް ބެލުމަށް ޚާއްސަކޮށްފައިވާ އެ ބިއުރޯއިން މި ފޮށި އަލުން ގުނަން އެންގީ، ފޮށީގެ ނަތީޖާ އެއްވަރުވެފައިވާކަމަށް ބުނެ ހުށަހެޅުނު މައްސަލަ ބެލުމަށްފަހުގައެވެ.
މި ފޮށީގެ ނަތީޖާއަށް ބަލާއިރު، އެމްޑީއޭގެ ފަރާތުން ވާދަކުރެއްވި މުޙައްމަދު ޝާހިދަށް 127 ވޯޓު ލިބިވަޑައިގެންފައިވާއިރު، ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހީމަށް ލިބިވަޑައިގަތީ 114 ވޯޓެވެ. އަދި އަމިއްލަ ގޮތުން ނުކުންނެވި އިބްރާހީމް ނަސީމަށް 36 ވޯޓު ލިބިވަޑައިގެންފައިވެއެވެ. މީގެ އިތުރުން 17 ވޯޓެއް ވަނީ ބާތިލުވެފައެވެ. ދ. މީދޫ ކައުންސިލްގެ ރައީސްގެ މަގާމަށް ވާދަކުރެއްވީ ވެސް މި 3 ކެންޑިޑޭޓުންނެވެ.
މުޅި އިންތިޚާބުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި، އެމްޑީއޭގެ ކެންޑިޑޭޓް ޝާހިދު އިންތިޚާބު ކާމިޔާބުކުރެއްވީ ޖުމްލަ 392 ވޯޓު ހޯއްދަވައިގެންނެވެ. އެންމެ ގާތުން ވާދަކުރެއްވި ޕީއެންސީގެ ކެންޑިޑޭޓަށް 391 ވޯޓު ލިބިވަޑައިގެންނެވިއިރު، އަމިއްލަ ކެންޑިޑޭޓަށް ޖުމްލަ ލިބިވަޑައިގެންފައިވަނީ 100 ވޯޓެވެ. މިއީ އެންމެ ވޯޓެއްގެ ތަފާތުން އެމްޑީއޭއިން ހޯދި ވަރަށް ހަނި ކާމިޔާބީއެކެވެ.
ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ އިތުރުން، ރިޔާސީ އަދި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމާ މެދު އާންމުންގެ ޚިޔާލު ހޯދުމަށް ނެގި ވޯޓުގެ ދާއިމީ ނަތީޖާ އިއުލާނުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސާފައިވަނީ އަންނަ ހޮނިހިރު ދުވަހު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

