
ރިޔާސީ އަދި މަޖިލިސް އިންތިޚާބު އެއްކޮށްލުމާ އެމްޑީޕީން ދެކޮޅުވަނީ ސިޔާސީ ނުފޫޒުން ކަމަށް މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޝަލް ޕެލަސް އިޤްބާލު އާދަމް ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާ އެކު ގަލޮޅު ދެކުނުގައި ކުރިއަށްގެންދިޔަ ދޮރުންދޮރަށް ހިންގުމުގެ ހަރަކާތުގެ ތެރެއިން، ރިޔާސީ އަދި މަޖިލިސް އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން އަންނަ ހޮނިހިރު ދުވަހު ނަގާ ވޯޓާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ.
އިޤްބާލު ފާހަގަކުރެއްވި ގޮތުގައި، ދެ އިންތިޚާބު އެއްކޮށްލުމަކީ އެމްޑީޕީގެ އިސް ސަފުގައި ތިއްބެވި ކުރީގެ ދެ ރައީސުން ކަމަށްވާ މުޙައްމަދު ނަޝީދާއި އިބްރާހީމް މުޙައްމަދު ޞާލިޙު ވެސް ކުރިން ވަރަށް ބޮޑަށް ތާއީދުކުރެއްވި ކަމެކެވެ. ނަމަވެސް ކުއްލިއަކަށް އެ ބޭފުޅުންގެ ވިސްނުންފުޅު ބަދަލުކުރައްވައި، މިކަމާ ދެކޮޅަށް ތެދުވެވަޑައިގަތުމަކީ ހިތާމަހުރި ކަމެއްކަމަށާއި، އޭގެ ފަހަތުގައި ވަނީ އެހެން ބާވަތެއްގެ މަޖުބޫރީ ހާލަތެއްކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
ސިޔާސީ ފިކުރު ކޮންމެ ގޮތަކަށް ހުރި ނަމަވެސް، ޤައުމީ މަސްލަހަތު އިސްކުރަންޖެހޭނެކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، މިއީ ދައުލަތަށް ގިނަގުނަ މަންފާތަކެއް ކުރާނެ ކަމެއް ކަމަށެވެ. އެގޮތުން، ވަގުތާއި މާލީ ހަރަދުތައް ކުޑަވުމުގެ އިތުރުން، އިންސާނީ ވަސީލަތްތައް ބޭނުންކުރަންޖެހޭ މިންވަރު މަދުވެ، މުޖުތަމަޢުގެ އަމާންކަމާއި ސުލްހަވެރިކަން ދެމެހެއްޓުމަށް މިކަމުގެ ސަބަބުން މަގުފަހިވާނެކަން މިނިސްޓަރުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.
ހަގީގަތުގައި އިދިކޮޅު ފަރާތްތަކުން ވެސް މި ބަދަލަށް އެތެރެހަށިން ތާއީދުކުރާކަމަށް ޤަބޫލުކުރައްވާކަން ހާމަކުރައްވަމުން އިޤްބާލު ވަނީ، ދިވެހިރާއްޖެއަށް ހެޔޮއެދޭ، ޤައުމީ ރޫހެއް ހުރި ކޮންމެ ރައްޔިތަކު ވެސް މި ބޮޑު ބަދަލަށް މަރުހަބާ ކިޔާނެކަމުގެ ޔަގީންކަން އޮތްކަމަށް ވިދާޅުވެފައެވެ.

