
ދެ އަހަރެއްހާ ދުވަސް ތެރޭ ރާއްޖޭގެ ހުރިހާ ރަށަކަށް ރައީސް ޑރ. މުއިއްޒު ޒިޔާރަތްކުރައްވައިފި އެވެ.
ރައީސް މުއިއްޒުގެ ވެރިކަން ފެށުނު ފަހުން އެމަނިކުފާނު އަތޮޅު ތެރެއަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ހުރިހާ ރަށަކަށް ވަޑައިގެންނެވީ އެއް އަހަރާ 11 މަސް ދުވަހުން ނެވެ. މިއީ ރާއްޖޭގެ ރައީސްއަކު އެހާ ކުރުމުއްދަތެއްގެ ތެރޭގައި ހުރިހާ ރަަށަކަށް ވަޑައިގަތް ފުރަތަމަ ފަހަރެވެ.
އެގޮތުން ރައީސް ވަނީ މީހުން ދިރިއުޅޭ 187 ރަށަށާއި ސިޓީތަކަށް އެ މުއްދަތުގެ ތެރޭގައި ވަޑައިގެންފަ އެވެ. އަދި އެ މުއްދަތުގައި އެމަނިކުފާނު ވަނީ 63 ރަށަކަށް ދެ ވަނަ ފަހަރަށްވެސް ޒިޔާރަތްކުރައްވާފަ އެވެ.
އެމަނިކުފާނު އެ ތާރީހީ ކާމިޔާބު ހާސިލުކުރައްވާފައި މިވަނީ، ފާދިއްޕޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށްރަށާއި، މާލެއަތޮޅުގެ ތިން ރަށަކަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުގައި، މާލެއަތޮޅު ތުލުސްދޫއަށް މިއަދު މެންދުރު ވަޑައިގަތުމާއެކުގައެވެ.
ރައީސްގެ އެ ދަތުރުފުޅުތަކުގައި، ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ. އަދި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ބައްލަވާ، އެކި ކަންކަމުގައި ރައްޔިތުންގެ ފަރާތުން ހިއްސާކުރެއްވި ވާހަކަތައް އަޑުއެއްސެވިއެވެ.
ސަރުކާރުގެ ބައެއް ވަޒީރުންނާއި ކުންފުނިތަކުގެ ވެރީންގެ މައްޗަށް އެކުލެވޭ ވަފުދުތައް، އެ ދަތުރުފުޅުތަކުގައި ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި އެވެ. އެ ވަފުދުތަކުން ވަނީ، ކޮންމެ ރަށެއްގައި މިހާރު ފަށާފައިވާ އަދި ފެށުމަށް ހަމަޖެހިފައިވާ މަސައްކަތްތަކާ ގުޅޭ އަދާހަމަ މައުލޫމާތު ވެސް ފޯރުކޮށްދެއްވާފައި ވެއެވެ.

