ދަނޑުވެރިޔާ މޮބައިލް އެޕްލިކޭޝަން މި އަހަރު ބޭނުން ކުރަން ފެށޭނެކަމަށް އެގްރިކަލްޗާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެ އެވެ.
މިއަދު ފެށި ފެހި ދިރުން އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ އުފައްދާ ކާބޯތަކެތީގެ ރައްކާތެރިކަމާއި ފެންވަރު ޔަގީންކުރުމަކީ ކާނާގެ ސަލާމަތްތެރިކަން ކަށަވަރުކުރުމުގެ މައިގަނޑު ބިންގާ ކަމަށެވެ.
މޯލްޑިވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސް ސެޓްފިކޭޝަންގެ ނިޒާމަކީ ދަނޑުވެރިކަމުގެ އުފެއްދުންތަކުގެ ރައްކާތެރިކަމާއި ފެންވަރު ދެމެހެއްޓެނިވި ގޮތެއްގައި އުފެއްދުން ކަށަވަރުކޮށްދޭ މިންގަނޑުކަން ފާހަގަކުރައްވައި މިނިސްޓަރު އިތުރަށް ވިދާޅުވީ އެ ނިޒާމުގެ ސަބަބުން ދަނޑުވެރިކަމުގެ ސިނާއަތަށް އިތުބާރު އިތުރުވެ ރާއްޖޭގޭ ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުވެގެންދާނެ ކަމަށެވެ.
އޭގެ އިތުރުން ދަނޑުވެރިކަމާ ބެހޭ މުހިންމު މައުލޫމާތު ފޯރުކޮށްދިނުމަށް ހާއްސަކޮށް ތައްޔާރުކުރެވިފައިވާ ދަނޑުވެރިޔާ މޮބައިލް އެޕްލިކޭޝަންގެ ބީޓާ ވާޝަންގެ ޓެސްޓިން މަރުހަލާ މިހާރު ކުރަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
“މި މަރުހަލާ ނިމުމާއެކު މި އަހަރު ތެރޭގައި ދަނޑުވެރިޔާ އެޕްލިޭޝަން ރާއްޖޭގެ އެންމެހޭ ދަނޑުވެރިންނަށް ބޭނުންކުރެވޭ ގޮތަށް އާންމުކޮށް ހުޅުވާލެވިގެން ދާނެ” މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރައީސް ޑރ، މުހައްމަދު މުއިއްޒުގެ ދުރުވިސްނުންތެރި އިރުޝާދަކީ ކޮންމެ ރަށަކުންވެސް ދަނޑުވެރިކަމަށް ހާއްސަ ބިންތައް ކަނޑައަޅައި، އަމިއްލައަށް ފުދޭވަރަށް ކާބޯތަކެތި އުފެއްދުމަށް މަސައްކަތްކުރުން ކަމަށެވެ.
“މި މުހިންމު މަސައްކަތަށް ސަރުކާރުން ދަނީ ފުރިހަމަ އެއްބާރުލުމާއި ތާއީދު ދެމުން.” މިނިސްޓަރު ވިދާޅުވި އެވެ.