
ކުރިއަށް އޮތް ރޯދަ މަހު ދަނޑުވެރިން އުފައްދާ ތަކެތި ފަސޭހައިން ހަމަ އަގުގައި ވިއްކާނެ ވަގުތީ މާރުކޭޓެއް ގާއިމުކުރަން އެގްރިކަލްޗާ މިނިސްޓްރީން ނިންމައިފިއެވެ.
އެގްރިކަލްޗާ މިނިސްޓްރީން ބުނީ ދަނޑުވެރިން އުފައްދާފައިވާ ތަކެތި ވިއްކުމަށްޓަކައި ވަގުތީ މާރުކޭޓެއް މާލެ ސަރަހައްދުގައި ގާއިމުކުރުމުގެ މަސައްކަތް މިހާރު ކުރަން ފަށާފައިވާ ކަމަށެވެ.
އެ މާރުކޭޓަކީ ރޯދަ މަހަށް އުފައްދާފައިވާ ދަނޑުވެރިކަމުގެ ބާވަތްތައް ވިއްކުމަށްޓަކައި މާލެ އަންނަ ދަތުރުވެރިންނަށް އަމާޒު ކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ މާރުކޭޓެއް ކަމަށާއި މާރުކޭޓް ތައްޔާރު ކުރަނީ ކަމާއި ގުޅުންހުރި އިދާރާތަކުގެ އެހީތެރިކަމާއި، އެއްބާރުލުމާއި އެކުގައި ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އެހެންކަމުން އަތޮޅުތަކުގައި ދަނޑުވެރި ރަށްރަށުން ދަނޑުވެރި އުފެއްދުންތައް އެ މާރުކޭޓުގައި ވިއްކުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
“މިގޮތުން މި މާރުކޭޓުގައި ތަކެތި ވިއްކުމަށް ޝައުޤުވެރިކަން ހުރި ރަށްރަށުގެ ކައުންސިލްތަކުން އެރަށެއްގެ ދަނޑުވެރިންނާ ގުޅިގެން މި މިނިސްޓްރީއަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. ފޯމު ފުރިހަމަކުރައްވާއިރު، ވޭތުވެދިޔަ ރަމަޟާންމަހު (2025)އެރަށަކުން ބޭރުކުރެވުނު މައިގަނޑު ދަނޑުވެރިކަމުގެ ބާވަތްތަކުގެ އަންދާސީ މިންވަރާއި 2026ވަނަ އަހަރު މިމާރުކޭޓުގައި ތަކެތި ވިއްކުމަށް އެދޭ ފަރާތްތަކުގެ އަދަދު އިނގޭނޭ ގޮތަށް ހުށަހެޅުއްވުން އެދެމެވެ.” މިނިސްޓްރީން ކުރި އިއުލާނެއްގައި ބުންޏެވެ.

