
ފޯނު ޗާޖަށް ޖަހަން އުޅުމުގެ ތެރޭގައި ލޮސްއޭނަލަސްގައި އުމުރުން އަށް އަހަރުގެ ލޮރެންޒޯ ލޮޕޭޒް މަރުނުވެ ސަލާމަތްވީ ހަމަ ކިރިޔާއެވެ. ރޭގަނޑު ނިދަން އޮށޯންނަމުން ފޯނު ޗާޖަށް ޖަހަން އުޅުމުގެ ތެރޭގައި، ޗާޖަރު ކުޑަކޮށް ލޫސްވުމުގެ ސަބަބުން ކަރުގައި އޮތް މެޓަލް ފަށް، ޗާޖަރާއި ކަރަންޓު ބޯޑާ ދޭތެރެއަށް ވަނީއެވެ. އެހެންވުމުގެ ސަބަބުން ވަގުތުން ފަށަށް ކަރަންޓު އައިސް ލޮރެންޒޯ ކަރަންޓުގައި ޖެހުނީއެވެ.
ނަމަވެސް ވަރަށް ހުށިޔާރުކަމާއެކު އެކުއްޖާ ވަނީ ފަށް ނަގާ އެއްލާލާފައެވެ. އޭގެ އަނެއް ދުވަހު ނިދާ ހޭލިއިރު ކަރަށް އޮތީ ވަރަށް ބޮޑަށް ހޫނުވެފައެވެ. ހަޅޭއްލަވަން މަސައްކަތް ކުރިނަމަވެސް އަޑެއް ނުނުކުތެވެ. އެ ހާދިސާ ހިނގުމުގެ ސަބަބުން އެކުއްޖާއަށް ހުރީ ޝޮކެއް ވެސް ޖެހިފައެވެ.
މި ހާދިސާގައި ލޮރެންޒޯއަށް ވަނީ އަވަސް ފަރުވާ ދީފައެވެ. އޭނާއަށް ތެރަޕީވެސް ދޭންޖެހުނެވެ. ހޮސްޕިޓަލާ ހަވާލާދީ ބޭރުގެ ނޫސްތަކުން ބުނީ، އެ ފަށް ކަރުން ނުނެގިނަމަ ލޮރެންޒޯ ސަލާމަތްވުމުގެ ޗާންސް ވަރަށް ކުޑަކަމަށެވެ.
މިފަދަ ކަންކަމުން ކުޑަކުދިން ރައްކާތެރި ކުރުމަށް ބެލެނިވެރިންނަށް ކުރެވިދާނެ ކަންކަން
- ކުޑަކުދިން ނިދާ ތަނުގެ ކައިރީގައި ޗާޖަށް ޖެހުން މަނާކުރުން، ހާއްސަކޮށް ބާލީސް ނުވަތަ މެޓްރެސް ދަށުގައި ފޯނު އަދި އެހެނިހެން ޑިވައިސްތައް ބޭއްވުން ރައްކާތެރިއެއް ނޫން
- ރަގަޅު ކޮލިޓީގެ ޗާޖަރާއި އެކްސްޓެންޝަން ބޯޑު ބޭނުން ކުރުން، ޗީޕް އަދި ލޫސް-ފިޓިން އެއްޗެހި ބޭނުން ނުކުރުން
- މެޓަލް ގަހަނާ އަޅައިގެން ކަރަންޓާ ކައިރިވާން މަނާކުރުން
- ކަރަންޓުގައި ޖެހުމުން ރައްކާތެރިވާނެ ގޮތްތައް ކުދިންނަށް ކިޔައިދިނުން
- ބޭނުމެއް ނެތީސް ޑިވައިސްތައް ކަރަންޓަށް ޖަހާފައި ނުބެހެއްޓުން
- ޗާޖަށް ޖަހައިގެން ހުރެ ޑިވައިސް ބޭނުން ނުކުރަން އެންގުން

