
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ފެނުގެ ރައްކާތެރިކަމަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން، ޖަޒީރާ ޤައުމުތަކަށް އަމާޒުކޮށްގެން ބާއްވާ ފޯރަމްއެއް ޓޫރިޒަމް އަދި އެންވަޔަރަމަންޓް މިނިސްޓްރީން ފަށައިފިއެވެ.
ބާސެލޯ ނަސަންދުރަ މާދަމާގެ ނިޔަލަށް “ކޯލިޝަން އޮފް އެޓޯލް ނޭޝަންސް އޮން ކްލައިމެޓް ޗޭންޖް”ނަމުގައި ކުރިއަށް ގެންދާ އެ ފޯރަމް ރަސްމީކޮށް ހުޅުއްވައިދެއްވީ ޓޫރިޒަމް މިނިސްްޓަރު ތޯރިގު އިބްރާޙިމްއެވެ.
އެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުދި ޖަޒީރާ ގައުމުތަކަށް ފެނުގެ ދަތިކަން އިންތިހާއަށް ކުރިމަތިވަމުންދާ ކަމަށާއި ހާއްސަކޮށް ވާރޭ ވެހޭ މިންވަރަށް އަންނަ ބަދަލުތަކާއި، ހަނަފަސް ދުވަސްވަރު ދިގުލައިދިއުމާއި، ފެން ފަށަލައަށް ލޮނުގެ އަސަރު ކުރުމަކީ މިހާރުވެސް ދިވެހި މުޖުތަމައުތަކުން ތަހައްމަލު ކުރަމުންދާ ހަގީގަތެއް ކަމަށެވެ.
އެ ފޯރަމުގައި ރާއްޖޭގެ އިތުރުން ކިރިބަތީ، ތުވާލޫ، މާޝަލް އައިލެންޑްސް އަދި ޓޯކެލާއުގެ މަންދޫބުން ބައިވެރިވެއެވެ.އޭގެ އިތުރުން ކަމާގުޅޭ ފަންނީ މާހިރުންނާއި، ތަރައްގީގެ ބައިވެރިންނާއި، ދާއިރާގެ ރެގިއުލޭޓަރީ އިދާރާތަކުން ބައިވެރިވެ، ތަޖުރިބާ ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެ ފޯރަމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރާ މައުލޫތަކުގެ ތެރޭގައި ފެން އުފައްދާ ނިޒާމުތައް ހަރުދަނާކުރުން، ބިންދަށުގެ ފެން ފަށަލަ ރައްކާތެރިކުރުން، ވާރޭފެން ރައްކާކުރުން އަދި ކުއްލި ހާލަތްތަކުގައި ފެން ފޯރުކޮށްދިނުމުގެ ތައްޔާރީތައް ހިމެނެއެވެ.

