
ފުވައްމުލަށް ސިޓީއަށް މިއަދު ދަތުރު ކުރަމުންދިޔަ ހަވާސާ ބޯޓު ދިޔަވެ، އަޑިއަށްދާތީ ފުލުހުން އެހީތެރިވެއްޖެއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، މިއަދު މެންދުރު 12:21 އެހާއިރު މާލެއިން ފުރައިގެން ފުވައްމުލަށް ސިޓީއަށް ދަތުރުކުރަމުންދިޔަ ހަވާސާ ބޯޓު ދިޔަވެ، އަޑިއަށްދާކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
އެ ބޯޓު އޮތް ސަރަހައްދަށް ގޮސް، ފުލުހުންގެ އެހީތެރިކަމާ އެކު ހަވާސާ ބޯޓު ފުވައްމުކަށް ގެންގޮސްފައިވާ ކަމަށާއި ބޯޓުގައި ހުރި މުދާ ހުސްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މިއަދު 45 މީހުންނާ އެކު ގއ. ވިލިނގިލިން ފުރައިގެން އެ އަތޮޅު ދެއްވަދޫއަށް ދަތުރުކުރަމުންދިޔަ، އެމްޓީސީސީ އާރުޓީއެލް 124 ނަންބަރު ފެރީގެ އިންޖީނު ހުއްޓި، ޤައުމީ ދިފާއީ ބާރުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
އަހަރީ ޗުއްޓީއަށް އެކި ހިސާބުތަކަށް ދަތުރުފަތުރުތައް ކުރުމުގައި ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަށް ރައްކާތެރިވުމަށް ފުލުހުންނާއި ދިފާއީ ބާރުން އިލްތިމާސްކުރެއެވެ.

