
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާއި، ކުރީގެ އައިޓީ ހެޑް، އަބްދުالله ޝުހޫދުގެ މައްޗަށް ދައުވާ ކުރެވޭ ވަރަށް ހެކި ނެތްކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ އެޗްޑީސީގެ ލިޔުންތަކެއް ރިކަވާ ނުކުރެވޭ ގޮތަށް ޑިލީޓްކޮށްލާފައިވާކަމަށް ތުހުމަތު ކުރެވުނު މައްސަލައިގައި ޖިނާއީ ދައުވާއެއްކޮށް، ކުށް ސާބިތުކުރެވޭ މިންވަރަށް ހެކި ގަރީނާ ލިބިފައި ނުވާތީ މައްސަލަ ޑިކްލައިންކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގައި ފަޒުލް އާއި ޝުހޫދުގެ މައްޗަށް ކުރި ތުހުމަތަކީ، ޖިނާއީ ތަހުގީގެއްގައި ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ ލިޔުންތަކެއް އެޗްޑީސީގެ ސާވާގެ ތެރެއިން ޑިލީޓްކޮށްލާފައިވާތީ އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ތުހުމަތެވެ.
ޕީޖީ އޮފީހުން ބުނީ އެޗްޑީސީގެ އައިޓީ ޑިޕާޓްމެންޓުން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި، އެޗްޑީސީގެ ސާވާގެ ތެރެއިން އެއްވެސް ލިޔުމެއް ނުވަތަ ޑާޓާއެއް ޑިލީޓްކޮށްފައި ނުވަތަ ގެއްލިފައި ނުވާ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ފުލުހުންގެ ތަހުގީގު ރިޕޯޓުގައިވެސް އެފަދަ ކަމެއް ކުރިކަން ސާބިތުވާނެ ހެއްކެއް ލިބިފައި ނުވާ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.
ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތިތަކެއް ދޫކޮށްފައިވާ މައްސަލައިގައި ލިޔުންތައް ނައްތައިލި ކަމުގެ ތުހުމަތުތަކަށް ފަޒުލް ވަނީ ކުރިން އިންކާރު ކޮށްފައެވެ.

