
ރާއްޖެއިން ފަލަސްތީނަށާއި އުރުދުންއަށް ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރުކަމުގެ މަގާމަށް 2 ބޭފުޅަކު އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.
ގައުމުތަކަށް ރެޒިޑެންޓް ނުވަތަ ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުންނާއި ނޮން-ރެޒިޑެންޓް ނުވަތަ ކަނޑައަޅުއްވާ ސަފީރުން ޢައްޔަންކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުރުދުންއަށް ކަނޑައަޅުއްވާ ސަފީރަކަށް ޢައްޔަންކުރެއްވުމަށް ފޮނުއްވާފައިވަނީ ޑރ. ހާލާ ހަމީދުގެ ނަންފުޅެވެ. ޑރ. ހާލާއަކީ ޚާރިޖީ ދާއިރާގައި ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ އަދި މިހާރުވެސް އެ ދާއިރާގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ހާލާ މިހާރު ހުންނެވީ ޚާރިޖީ ވުޒާރާގެ ބައިލެޓްރަލް ސެކްރެޓަރީގެ މަގާމުގައެވެ.
ފަލަސްޠީނަށް ރާއްޖޭން ކަނޑައަޅުއްވާ ސަފީރަކަށް ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވަނީ ޑރ. އިބްރާހީމް ޒުހުރީގެ ނަންފުޅެވެ. ޑރ. އިބްރާހީމް ޒުހުރީއަކީވެސް ހާރިޖީ ދާއިރާގައި ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ. އަދި މިހާރު ހުންނެވީ ހާރިޖީ ވުޒާރާގެ ޖޮއިންޓް ސެކްރެޓަރީގެ މަގާމުގައެވެ.
ގައުމުތަކަށް ކަނޑައަޅުއްވާ ސަފީރުން ޢައްޔަން ކުރައްވަނީ އެކި ގައުމުތަކަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުންގެ އިތުރުން އެކި މިޝަންތަކާއި ހާރިޖީ ވުޒާރާގައި އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނެވެ. މިއީ ރާއްޖޭން އެމްބަސީތަކާއި ހައިކޮމިޝަންތައް ގާއިމުކޮށްފައިނުވާ ގައުމުތަކާ ގުޅުން ބަދަހިކުރުމުގެ ގޮތުން ކަނޑައަޅުއްވާ ސަފީރުންނެވެ. އެގޮތުން މިހާތަނަށް 27 ގައުމަކަށް ނޮން-ރެޒިޑެންޓް ސަފީރުން މި ސަރުކާރުން ވަނީ ޢައްޔަންކުރައްވާފައެވެ.

