
ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ހިސާބަކަށް ގަދަ ވަޔާ އެކު ވިއްސާރަވާނެ ކަމަށާއި މެދުރާއްޖެތެރެއަށް، ބ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ހުދު ސަމާލު ނެރެފައިވާ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ، އެ ސަރަހައްދަށް ހުދު ސަމާލު ނެރެފައި ވަނީ މިއަދު ހެނދުނު 11:00އިން ހަވީރު 16:00އަށް ކަމަށާއި އެ ވަގުތުތަކުގައި އެ ސަރަހައްދަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށާއި ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެއެވެ.
White Alert for heavy rain and thunderstorms. pic.twitter.com/AW4ygp6Bql
— Maldives Meteorology (@MetMaldives) December 20, 2025
އެހެންކަމުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި ސަލާމަތީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް މެޓް އޮފީހާއި ދިފާއީ ބާރުން އިލްތިމާސްކުރެއެވެ. އަދި ކަނޑު ދަތުރުފަތުރުތަކުގައި ކޮންމެހެން ކުރަންޖެހޭ ދަތުރެއް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށް ވެސް އެ ފަރާތްތަކުން އިލްތިމާސްކުރެއެވެ.

