
މުސާރައިގެ މައްސަލަތަކަކާ ގުޅިގެން ހުޅުމާލޭގެ ރެސްޓޯރެންޓެއްގައި މަސައްކަތްކުރާ ބިދޭސީންތަކެއް އިޖުތިޖާޖުކޮށްފި އެވެ.
އިހުތިޖާޖުކުރީ ހުޅުމާލެ ފޭސް 1 ގައި ހުންނަ ރެސްޓޯރެންޓެއް ކަމަށްވާ ރިވެލި ބީޗު ކްލަބް އެންޑް ރެސްޓޯރެންޓުގައި މަސައްކަތްކުރާ ބިދޭސީންތަކެކެވެ.
ފުލުހުން ބުނީ އެ ރެސްޓޯރެންޓުގައި މަސައްކަތްކުރާ ބައެއް މުވައްޒަފުން، މުސާރައާ ގުޅޭ ކަންބޮޑުވުންތަކެއްގެ ސަބަބުން މަސައްކަތް ހުއްޓާލައި އިހުތިޖާޖުކުރާ ކަމުގެ މައުލޫމާތު މިއަދު މެންދުރު 03:50ގައި ލިބުނު ކަމަށެވެ.
އަދި އެ ރިޕޯޓާ ގުޅިގެން ފުލުހުން އެ ތަނަށް ގޮސް، މުވައްޒަފުންނާއި މެނޭޖްމަންޓާ ބައްދަލުކޮށް މައުލޫމާތު ސާފުކުރުމުން އެ މައްސަލައިގައި ދެފަރާތުގެ ދެމެދުގައި މަޝްވަރާތައް ކުރިއަށްދާ ކަމާއި، މުވައްޒަފުންގެ ކަންބޮޑުވުންތައް ކަމާބެހޭ އިދާރާތަކަށް މިހާރު ވެސް ހުށަހަޅާފައިވާކަން އެނގުނުކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ ގާނޫނީ އުސޫލުތަކުގެ ތެރެއިން ހައްލުކުރުމަށް ފުލުހުން އެ ފަރާތްތަކަށް އިރުޝާދު ދިން ކަމަށާއި އަދި އަމަންއަމާންކަން ދެމެހެއްޓުމަށާއި ގާނޫނާ ހިފު އެއްވެސް ކަމެއް ނުކުރުމަށް ނަސޭހަތްތެރިވިކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ އިހުތިޖާޖު ކުރުމުގައި އެއްވެސް ހަމަނުޖެހުމެއް ނުވަތަ ގާނޫނާ ހިލާފު ކަމެއް ހިނގާފައިވާ ކަމުގެ ރިޕޯޓެއް ލިބިފައި ނުވާ ކަމަށެވެ.

