
އަމިއްލަ މީޑިއާތަކަށް ދަޢުލަތުގެ ބަޖެޓުން މާލީ އެހީ ދިނުމާއި ގުޅޭ ކަންކަން ކުރުމަށް، ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއާއި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިއީ ހަމަހަމަ ކަމާ އެކު ދެފުށް ފެންނަ، އިންސާފުވެރި ނިޒާމަކުން ކުރިއަށް ގެންދިއުމަށް އެކުލަވާލާފައިވާ އެމްއޯޔޫއެއް ކަމަށާއި މާލީ އެހީލިބޭ އަމިއްލަ މީޑިއާތަކާއި ފައިސާގެ ތަފުޞީލުތައް އެމްއެމްބީސީން ވުޒާރާ އާއި ހިއްސާކުރުމާ އެކު އެ ފައިސާ މާލީ ވުޒާރާ މެދުވެރިކޮށް މީޑިއާތަކަށް ދޫކުރުމުގެ އިންތިޒާމު ހަމަޖައްސާނެ ކަމަށެވެ.
މީގެ އިތުރުން، މީޑިއާތަކަށް ބަޖެޓުން ދޫކުރަނީ ބަޖެޓުގެ 0.1 އިންސައްތަ ކަމަށާއި އަމިއްލަ ކޮންމެ މީޑިއާއަކަށް ވެސް ކުރިމަތި ލެވޭނެ މިންގަނޑުތައް ބަޔާން ކުރާ، “މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާ ބެހޭ އުޞޫލު”ގެ ދަށުން ފައިސާ ދޫކުރާނީ 3 ޕޭމަންޓަކަށް ބަހާލައިގެން ކަމަށް ފަންނަ ބެހޭ ވުޒާރާއިން ބުނެއެވެ.
މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާ ބެހޭ އުޞޫލުގައިވާ ގޮތުން، މާލީ އެހީތެރިކަން ލިބުމަށް ފުރިހަމަ ވާންޖެހޭ އެންމެ މުހިންމު އެއް އަސާސަކީ، އެ މީޑިއާއަކީ ރަޖިސްޓްރީ ކޮށްގެން ހިންގާ މީޑިއާއެއް ކަމަށް ވުމާއި، ބްރޯޑްކާސްޓް މީޑިއާއެއް ނަމަ ލައިސަންސް އޮވެގެން ހިންގާ މީޑިއާއަކަށް ވުމެވެ.

