
ދިވެހި ޓޫރިޒަމް ވިޔަފާރިވެރިންނަށް ލިބޭ ހުރިހާ ފައިސާއެއް މިހާރު ރާއްޖޭގައި ބަހައްޓާކަން މަރުކަޒީ ބޭންކް (އެމްއެމްއޭ) ގެ ހިސާބުތަކުން މިހާރު އެނގެން އެބައޮތް ކަމަށް ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.
އެމްއެމްއޭއިން ރައްޔިތުން މަޖިލީހަށް އަންނަ އަހަރުގެ ބަޖެޓު ލަފާ ދޭން އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ގަވަރުނަރު މުނައްވަރު ވިދާޅުވީ ރާއްޖޭގައި ހިންގާ ކޮންމެ ވިޔަފާރިއެއްގެ ފައިސާއެއް ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއަށް ވައްދަން ޖެހޭ ކަމަށާ، ނަމަވެސް ހިސާބުތަކުން އެގޮތަށް ނުދައްކާ ކަމަށެވެ. ނަމަވެސް ދިވެހި ޓޫރިޒަމް ވިޔަފާރިތަކުގެ ފައިސާ ރާއްޖޭގައި ބަހައްޓާކަން ފަށާފައިވާ ކަމަށް ގަވަރުނަރު މުނައްވަރު ވިދާޅުވި އެވެ.
“ހުރިހާ ފައިސާއެއް ދިވެހި ވިޔަފާރިވެރިން ބަހައްޓަނީ މިހާރު ރާއްޖޭގަ އެކަން އެމްއެމްއޭފެ ހިސާބުތަކުން އެބަ ފެނޭ. އެހެންވެ މިހާރު ހުރި މަައްސަލަ ހައްލު ކުރަން ގާނޫނަށް ބަދަލު ތަކެއް ގެންނާނަން،” މުނައްވަރު ވިދާޅުވި އެވެ.
މުނައްވަރު ވިދާޅުވީ ބޭރުގެ ވިޔަފާރިތަކުން ބޭރުގެ އެކައުންޓްތަކުގައި ފައިސާ ހުއްޓަސް ޑޮލަރު ރާއްޖަށް ވައްދާނަމަ މިހާރު ހުރި ގިނަ މައްސަލަތައް ހައްލު ވެގެންދާނެ އެވެ.
ގަވަރުނަރު ފާހަގަ ކުރެއްވި ގޮތުގައި ރާއްޖެއަށް ވަދެ އަދި ބޭރުވާ މުއާމަލާތްތަކުގެ މައުލޫމާތު ބަލަން އެމްއެމްއޭއިން ކުރިން ނޭޝަނަލް ސުވިޗެއް [މާލީ މުއާމަލާތްތަކުގެ ތަފުސީލް އެނގޭނެ] މަސައްކަތްތަކެއް ފަށާފައި އެބަހުރި ކަމަށާ، މިއީ ޕޭމަންޓް ނިޒާމުގެ ތެރެއިން އަވަހަށް އަންނަން ޖެހޭ އެއްޗެކެވެ.
“ނޭޝަނަލް ސުވިޗެއް މިވަގުތު ނެތް. މި ހުރީމަ ހަގީގަތުގަ ބޭންކިން ނިޒާމުގ ތެރޭގައި ހިންގާ ކަންކަމުގެ މައުލޫމާތު ތަފުސީލްކޮށް އެނގޭނީ. އޭރުން އިންފްލޯ އައުޑް ފްލޯ ވަރަށް ރަނގަޅަށް އެނގޭނެ. މިހާރު ވާގޮތަކީ އެބޭފުޅުން [ބޭރުގެ ވިޔަފާރިތައް] އަމިއްލަ ކާޑް މެޝިންތަކެއް ބޭނުން ކުރަނީ. ރާއްޖެއަށް މި ވަންނަނީ ހަމައެކަނި ނެޓް ފިގާތަކެއް،” ގަވަރުނަރު ވިދާޅުވި އެވެ.

