
ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ބަހާ މަސްދަޅު ކޭސް ދޫކުރުމުގެ މުދައްތު އިއްޔެ ހަމަވެފައިވާއިރު، ނުގެންގޮސް ތިބި މީހުންނަށް މިހާރު ދޫކުރާނީ ހަމައެކަނި މިފްކޯއިން ކަމަށް ލޯކަލް ގަނަވަމަންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅު ކޭސް ބަހަން ފެށީ މިދިޔަ މަހުގެ 24ވަނަ ދުވަހުން ފެށިގެންނެވެ. މުޅި ރާއްޖޭގައި މަސްދަޅު ކޭސް ދޫކުރުމުގެ މަސައްކަތް ކުރަމުންދާއިރު، މާލެ ސަރަހައްދުގައި ދޫކުރުމުގެ މުއްދަތު އިއްޔެއަށް ވަނީ ހަމަވެފައެވެ.
މިނިސްޓަރު ވިދާޅުވީ މުއްދަތު ހަމަވިއިރު، 53،308ގޭބިސީއަށް މަސްދަޅު ކޭސް ދޫކޮށްފައިވާ ކަމަށެވެ.
އެއްވެސް ސަބަބަކާހުރެ މިހާތަނަށް ރޯދަ ހަދިޔާ ހޯއްދަވާފައިނުވާ ފަރާތްތަކަށް، މުލަ ރޯދަ ދުވަހާ ހަމައަށް މާލޭގައި ހުންނަ މިފްކޯ މަރުކަޒުން ރޭގަނޑު 8:30އިން 11:00އަށް ދޫކުރުމުގެ އިންތިހާމްތައް ހަމަޖައްސާފައިވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މީގެ ކުރީގައި މާލެ ސަރަހައްދުގެ 15މަރުކަޒަކުން އައީ މަސްދަޅު ކޭސް ދޫކުރަމުންނެވެ.

