މާޒް ސަލީމްއާއި މަންދީ ޒުބައިރުގެ ޖިންސީ ގުނަވަން ފިޔަވައި ހަށިގަނޑުގެ ބޭރު ފޮޓޯ ނަގަން ހާޒިރުކުރަނީ
އެމްޑީޕީގެ ގައުމީ މަޖިލިހުގެ މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) އާއި އެ ޕާޓީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ)ގެ ޖިންސީ ގުނަވަން ފިޔަވައި ހަށިގަނޑުގެ ބޭރު ފޮޓޯ ނަގަން ފުލުހަށް ހާޒިރުކުރަން ނިންމައިފި އެވެ.
މަންދީއާއި މާޒް ސަލީމް ފުލުހަށް ހާޒިރުކުރަނީ މިދިޔަ މަހުގެ ރޭ އެމްޑީޕީން ބޭއްވި އެއްވުމެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިފުޅު ވޭޕް ބޯކަމަށް ބުނެ ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނާނެ ކަމަށް ބުނެ ދެއްކި ވާހަތަކާ ގުޅިގެން ނެވެ.
މީގެ ކުރިން ވެސް އެ ދެމީހުން އެ މައްސަލައިގައި ފުލުހަށް ހާޒިރުކުރި އެވެ.
ފުލުހަށް ހާޒިރުވުމަށް އަންގައި ފޮނުވި ޗިޓުގައި ބުނީ އެ ދެ މީހުން ފުލުހަށް ހާޒިރުކުރަނީ އެ މައްސަލައިގެ ތަހުގީގަށް ކްރިމިނަލް ކޯޓު އަމުރެއްގެ ދަށުން ދެ މީހުންގެ ޖިންސީ ގުނަވަން ފިޔަވައި ހަށިގަނޑުގެ ބޭރު ފޮޓޯ ނެގުމަށާއި އަޑުގެ ސާމްޕަލް ނެގުމަށް ކަމަށެވެ.
ނަމަވެސް މިއީ ކުރިންވެސް ފުލުހުން އަމަލުކުރަމުންދާ ގޮތް ކަމެއް ސާފެއް ނުވެއެވެ. އެކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް ވެސް ނުލިބެ އެވެ.
ވޭޕް ބޯކަމަށް ބުނެ ދެއްކި ވާހަކަތަކާ ގުޅިގެން ރައީސް މުއިއްޒުގެ އާއިލާއިން ވަނީ މަންދީއާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ މައްޗަށް ސިވިލް ކޯޓާއި ފެމިލީ ކޯޓުގައި ދައުވާވެސް އުފުލައިފަ އެވެ.
މަންދީ ދެއްކި ވާހަކަތަކާ ގުޅިގެން އޭނާ އާއި ފައްޔާޒުގެ އިތުރުން އެ ޕާޓީ އާ ދެކޮޅަށް ދައުވާކުރަން މައްސަލަ ކޯޓުތަކަށް ހުށަހަޅާފައިވާއިރު، އެމްޑީޕީން ވަނީ ދަރިކަލުންގެ ކަރާމާތް ނަގާލީ ފަސްޓް ލޭޑީ އާއި ވަކީލު ކަމަށް ބުނެ، އެ މައްސަލަ ކަމާ ބެހޭ އިދާރާތަކަށް ހުށަހަޅަން ނިންމާފަ އެވެ.