މާލެ ޓްރެފިކް ޕޮލިހުންނަށް ކެޕޭސިޓީ ބިލްޑިން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
ގައުމީ ޔުނިވަރސިޓީ އޮޑިޓޯރިއަމްގައި މިއަދު ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމު އިފްތިތާހުކޮށްދެއްވީ މާލެ ސިޓީ ޕޮލިސް ހެޑް، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އާސިމް އަބްދުﷲ އެވެ.
މިއަދު ކުރިއަށް ދިޔަ ޕްރޮގްރާމުގެ ދަށުން “ވެށި ހެޔޮ މުޖުތަމައު” ގެ ނަމުގައި ޕްރެޒެންޓޭޝަނެއް ކުރިއަށް ގެންދިޔައިރު އެ ޕްރެޒެންޓޭޝަންގައި، އާންމު މީހެއްގެ ނަޒަރުން ޓްރެފިކް ޕޮލިސް މަގުމަތިން ފެންނަގޮތާއި ރަނގަޅުކުރުމަށް ކުރާނެ ކަންކަން ބުނެދީފައި ވެއެވެ.
އަދި މަގުމަތީގައި ހިނގާ އެކްސިޑެންޓުތަކާއި އެހެނިހެން ތަފާތު ހާލަތްތަކުގައި ޓްރެފިކް ފުލުހުންގެ ކިބައިން ފެންނަ ރިވެތި އަހުލާގާއި ލިބޭ އެހީތެރިކަމާއި ކަންކަން ކުރަންވީ ގޮތް ބުނެދޭ މަންޒަރު ފެންނަމަނުންދާކަން އެ ޕްރެޒެންޓޭޝަންގައި ފާހަގަކުރި އެވެ.
އަދި ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ ކުރިން، ގަވާއިދާ ހިލާފަށް އެ މީހަކު ކުރި ނުވަތަ ކުރެވުނު ކަންކަން ބުނެދީ އަދި ފިޔަވަޅުއެޅި ސަބަބު ތަފްސީލުކޮށް ޓްރެފިކް ފުލުހުން ކިޔައިދޭކަން ވެސް ފާހަގަކުރި އެވެ.
ޕްރެޒެންޓޭޝަންގައި ފާހަގަކުރި އިތުރު ކަންކަން
- ޓްރެފިކް ޗެކްޕޮއިންޓުތައް ގާއިމުކުރުމުން ގިނަބަޔަކު ގަވާއިދާ އެއްގޮތަށް އަމަލުކުރާ މަންޒަރު މުޖުތަމައުން ފެންނަމުންދިއުން
- މަގުމަތި ބާރުބޮޑުވާ ހާލަތްތަކާއި އެކްސިޑެންޓްތައް ހިނގުމުން މަގުމަތި ހަމައަކަށް އެޅުވުމަށް ޓްރެފިކް ފުލުހުންގެ ފަރާތުން ފެންނަ އަވަސް ފިޔަވަޅު ފެންނަމުން ދިއުން
ގަވާއިދާ ހިލާފުވާ ފަރާތްތަކާ މެދު ކޮންމެ ފުލުހަކު ވެސް ރީތިކޮށް މުއާމަލާތުކޮށް ކޮންމެ ރައްޔިތަކާ މެދުވެސް ހަމަހަމަ އުސޫލަކުން ކަންކަންކުރުމަކީ ޓްރެފިކް ފުލުހުންގެ ކިބައިން އިތުރަށް ފެންނަން އެދޭކަން ވެސް ޕްރެޒެންޓޭޝަންގައި ފާހަގަކުރި އެވެ.
އަދި ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކާ މެދު އެޅުމަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކަކީ ކޮބައިކަން އާންމު ރައްޔިތުންނަށް ފަސޭހައިން ފެންނާނޭހެން ނުވަތަ އެނގޭނޭހެން އޮންލައިން ޕްލެޓްފޯމެއް ގާއިމުކުރުމަށް ހިޔާލު ދިނެވެ.