
ގއ.މާމެންދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު 53އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފިއެވެ.
މި މައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގއ.މާމެންދޫ / ޓިވެގާލައިޓް ، ނާޝިދު އިބްރާހީމް އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މާލެއިން ދާ ބޯޓަކުން މާމެންދޫ އަށް މަސްތުވާތަކެތި އެތެރެކުރާކަމަށް މާމެންދޫ ޕޮލިހަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހު 2 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުންނެވެ.
މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ ގެ އާއި ދަތުރުކުރި ބޯޓު ބަލައިފާސްކުރިއިރު، ބޯޓުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވެއެވެ. މިތަކެތީގެ ވަގުތީ ބަރުދަނަކީ 50 ގުރާމެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 8 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

