
މަޝްރޫއުތަކާއި މުސާރަތައް ހަމަހަމަކުރުމާއެކު ވެސް ޑެފިސިޓް ކުޑަވެފައިވާކަން ހާމަވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 33.5 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެެވެ.
މިއީ 2024 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 30.6 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 9.5 އިންސައްތައިގެ އިތުރުވުމެކެވެ.
އަދި ޖުމްލަ ހަރަދުތައް ވަނީ 12.6 އިންސައްތަ ދަށްވެ، މިދިޔަ އަހަރުގެ އެމުއްދަތުގައި ހުރި 40.1 ބިލިއަން ރުފިޔާއިން 35.1 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ. ނަތީޖާއެއްގެ ގޮތުން، މި މުއްދަތުގެ އޯވަރޯލް ޑެފިސިޓް ވަނީ 2024 ވަނަ އަހަރުގެ 9.5 ބިލިއަން ރުފިޔާއިން 1.5 ބިލިއަން ރުފިޔާއަށް ކުޑަވެފައެވެ. މިއީ ގާތްގަނޑަކަށް 84 އިންސައްތައިގެ ދަށްވުމެކެވެ.
ޓެކްސް އާމްދަނީ އާއި ޓެކްސް ނޫން އާމްދަނީ ވެސް ވަނީ ރަނގަޅު ކުރިއެރުމެއް ހޯދާފައެވެ. ޓެކްސް އާމްދަނީ ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު 8.5 އިންސައްތަ އިތުރުވެ، 2024 ވަނަ އަހަރުގެ އެއް މުއްދަތުގައި ލިބުނު 23.3 ބިލިއަން ރުފިޔާއިން 25.2 ބިލިއަން ރުފިޔާއަށް އަރާފައެވެ. އެއީ މައިގަނޑު ގޮތެއްގައި ޖީއެސްޓީ އިތުރުވުމުގެ ސަބަބުންނެވެ.
ޖުމްލަ ޖީ.އެސް.ޓީ. އާމްދަނީ ވަނީ 12.0 އިންސައްތަ އިތުރުވެ، 12.2 ބިލިއަން ރުފިޔާއިން 13.7 ބިލިއަން ރުފިޔާއަށް އަރާފައެވެ. އޭގެ ތެރެއިން ޖީއެސްޓީ ވަނީ އަށް އިންސައްތަ އިތުރުވެ 4.6 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. އަދި ޓޫރިޒަމް ޖީއެސްޓީ 14.2 އިންސައްތަ އިތުރުވެ 9.1 ބިލިއަން ރުފިޔާއަށް އަރާފައި ވެއެވެ.
އޭގެ އިތުރުން ގްރީން ޓެކުހުގެ އާމްދަނީ ދެގުނައަށް ނުވަތަ 107.1 އިންސައްތަ އިތުރުވެ 914.0 މިލިއަން ރުފިޔާއިން 1.9 ބިލިއަން ރުފިޔާއަށް އަރާފައެވެ. އަދި ޑިޕާޗާ ޓެކްސް ވަނީ 60.5 އިންސައްތަ އިތުރުވެ 988.3 މިލިއަން ރުފިޔާއިން 1.6 ބިލިއަން ރުފިޔާއަށް އަރާފައެވެ.
ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ 75.2 އިންސައްތަ ލިބިފައިވަނީ ޓެކްސް އާމްދަނީގެ ގޮތުގައެވެ. 23.9 އިންސައްތަ ލިބިފައިވަނީ ޓެކްސް ނޫން އާމްދަނީގެ ގޮތުގައެވެ. 20 ނޮވެންބަރގެ ނިޔަލަށް، މިއަހަރަށް ލަފާކުރި ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ 39.8 ބިލިއަން ރުފިޔާގެ ތެރެއިން ގާތްގަނޑަކަށް 84 އިންސައްތަ ވަނީ މިހާތަނަށް ދައުލަތަށް ލިބިފައެވެ.
ހަރަދުތަކަށް ބަލާއިރު، ސަރުކާރުން ދަނީ ޖުމްލަ ހަރަދުތައް ކުޑަކޮށް، އަސާސީ ހިދުމަތްތަކާއި މަޝްރޫއުތަކަށް އިސްކަންދެމުންނެވެ. ރިކަރަންޓް ހަރަދުތައް ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު ކުޑަ މިންވަރަކަށް އިތުރުވެ، 29.2 ބިލިއަން ރުފިޔާއިން 30.0 ބިލިއަން ރުފިޔާއަށް އަރާފައެވެ.
އޭގެ ތެރެއިން، މުސާރައާއި، އުޖޫރައާއި، ޕެންޝަނަށް ކުރާ ހަރަދުތައް ވަނީ 6.6 އިންސައްތަ އިތުރުވެ 11.3 ބިލިއަން ރުފިޔާއިން 12.1 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ ޕޭ ހާމަނައިޒޭޝަން ފަދަ ސިޔާސަތުތަކާއި، މުހިންމު ހިދުމަތްތައް ފޯރުކޮށްދިނުން ހަރުދަނާ ކުރުމުގެ މަސައްކަތްތަކުގެ ސަބަބުން އިތުރުވި އިތުރުވުމެކެވެ. ކެޕިޓަލް ހަރަދުތައް ހުރީ 53.7 އިންސައްތައެވެ.

