
އާސަންދައިގެ ދަށުން އެމްބިއުލާންސްގެ ޚިދުމަތް ފުޅާކޮށް، މައްޔިތުން އުފުލުމާއި މުޅިން އާ ހަ ހާލަތެއްގައި ހިލޭ އެމްބިއުލާންސް ބޭނުންކުރެވޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިފިއެވެ.
އާސަންދަ ކުންފުނިން ތަޢާރަފުކުރި މި އައު އުސޫލާ އެކު، އެ ކުންފުނިން ބަޔާންކޮށްފައިވާ އިތުރު ހާލަތްތަކަކީ؛
- އިމަޖެންސީގައި ނުވަތަ ކުއްލި ހާލަތުގައި ހޮސްޕިޓަލަށް ގެންދާ މީހުން
- މައްޔިތުން އުފުލުން
- އެނދުމަތިކޮށްފައިވާ މީހުންނަށް އައުޓްޕޭޝަންޓް ހިދުމަތް ނެގުމަށް ގެނެވޭ ހާލަތްތައް
- ވީލްޗެއާގައި ގެންގުޅޭ މީހުންނަށް އައުޓްޕޭޝަންޓް ހިދުމަތް ނެގުމަށް ގެންދާ ހާލަތާއި އެކި ކަހަލަ ޑިސްއެބިލިޓީ ހުންނަ މީހުން. އޭގެ ތެރޭގައި، ފިޒިކަލް ޑިސްއެބިލިޓީ އާއި މެންޓަލް ޑިސްއެބިލިޓީ އަދި އޯޓިޒަމް ޑައުންސިންޑްރޯމް ކަހަލަ ކަންކަން ހުންނަ މީހުންނަށް ވެސް އައުޓްޕޭޝަންޓް ހިދުމަތަށް ދިއުމަށް އާސަންދައިން އެމްބިއުލާންސް ލިބޭނެ
- ސިއްހީ މަރުކަޒުގައި ފަރުވާ ހޯދާ މީހުން އެހެން މަރުކަޒަކަށް ފަރުވާއަށް ގެންދަންޖެހޭ ހާލަތުގައި
- އިވެކުއޭޓް ކުރެވޭ ހާލަތުގައި ނުވަތަ ބަލި މީހާ ރާއްޖެއިން ބޭރަށް ރިފާކުރެވޭ ހާލަތުގައި އެއާޕޯޓަށް ނޫނީ ޖެޓީއަށް ގެންދިއުމަށް އާސަންދައިން އެމްބިއުލާންސް ހަމަޖެހޭނެ
- ތެލެސީމިއާ ބަލި ތަހައްމަލުކުރާ މީހުންނަށް އައުޓްޕޭޝަންޓް ހިދުމަތަށް ގެންދެވޭ ހާލަތް
މި އުސޫލަށް ގެނައި މި އިސްލާހަށް މާދަމާއިން ފެށިގެން އަމަލުކުރަން ނިންމާފައިވާ ކަމަށް ވެސް އާސަންދަ ކުންފުނިން މަޢުލޫމާތުދެއެވެ.
މީގެ އިތުރުން ބަލިމީހުންނަށް އިތުރު ފަސޭހަތައް ހޯދައިދިނުމުގެ މަގުސަދުގައި، ތައިލެންޑާއި ޔޫއޭއީއަށް އާސަންދައިގެ އެހީގައި ބޭސްފަރުވާއަށް ދެވޭނެ މަގު ތަނަވަސްކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް އާސަންދަ ކުންފުނިން މަޢުލޫމާތުދެއެވެ.

