
މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން، ކ. ގާފަރު ސްކޫލުން މައުލޫމާތު ނުދޭތީ ޖިނާއީ ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފި އެވެ.
ޕީޖީ އޮފީހުން ބުނީ އިންފޮމޭޝަން ކޮމިޝަނަރުގެ ފަރާތުން މިދިޔަ މަހުގެ 30 ވަނަ ދުވަހު އެ މައްސަލަ އެ އޮފީހަށް ހުށަހަޅާފައި ވަނީ, ގާނޫނުގެ ދަށުން މައުލޫމާތު ފޯރުކޮށްދިނުމަށް އެދުމުން އެކަށީގެންވާ މައުލޫމާތު ފޯރުކޮށްދީފައި ނުވާތީ ކަމަށެވެ. އަދި އެކަން ނުކުރަން ނިންމި ނިންމުން އިސްތިއުނާފު ވެސް ނުކޮށް އޮތުމުންނެވެ.
ނަމަވެސް އެ މައްސަލައިގައި ގާފަރު ސްކޫލަށް ދައުވާ ކުރުމާމެދު އަދި ޕީޖީ އޮފީހުން ވަކި ގޮތެއް ނުނިންމަ އެވެ.
މައުލޫމާތު ލިބޭ ގޮތުގައި، އެ ސްކޫލުން މައުލޫމާތު ހޯދަން ހުށަހެޅީ އާންމު މީހެކެވެ. އެ މީހާ އެދިފައި ވަނީ ސިހުރާ ގުޅުން ހުރި މައުލޫމާތުތަކެއް ހޯދުމަށެވެ. ސްކޫލުން ބައެއް މައުލޫމާތު ފޯރުކޮށްދިން ނަމަވެސް ދައުވާ ކޮށްދޭން އެދިފައި ވަނީ ބޭނުންވި ހުރިހާ މައުލޫމާތެއް ފޯރުނުކޮށްދީގެންނެވެ.

