
މަރުގެ ހުކުމް ތަންފީޒުކުރުމުގެ ހާއްސަ ބިލު، ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ދައުރުގެ ތެރޭގައި ހުށަހަޅުއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އެފަދައިން ވިދާޅުވީ، މިއަދު، ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
އެގޮތުން މަރުގެ ހުކުމުގެ ހުރިހާ މަރުހަލާއެއް ފުރިހަމަކޮށްފައިވާ ފަރާތަކަށް މަރުގެ އަދަބު ނުދީ ބެހެއްޓުމަކީ، ސައްތައިން ސައްތަ އިސްލާމީ ދައުލަތެއްގެ އެންމެ މަތީ ވެރިއަކަށް އޮތް އިހުތިޔާރެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މަރުގެ ހުކުމް ތަންފީޒުކުރުމަކީ، ގާނޫނީ އޮނިގަނޑުގެ ތެރެއިން، ސްޓްރީމްލައިންކޮށް ކަށަވަރުކޮށްގެން ކުރަންޖެހޭ ކަމެއްކަން ސަރުކާރުން ގަބޫލުކުރާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މަޖިލީހުން އެ ބިލު ފާސްކުރުމާއެކު އެ ބިލު ތަސްދީގުކުރައްވައި މަރުގެ ހުކުމް ތަންފީޒުކުރުމަށް ޝަރުޢީ މަރުހަލާތައް ފުރިހަމަވެފައިވާ ހުރިހާ ފަރާތްތަކެއްގެ މައްޗަށް، މި ސަރުކާރުން މަރުގެ އަދަބު ތަންފީޒުކުރާނެ ކަމަށެވެ.
އަދި މިއީ އިސްލާމީ ގައުމެއްގެ ހައިސިއްޔަތުން، ރާއްޖޭގައި އަދުލުއިންސާފާއި، އިޖުތިމާއީ އަދާލަތު ގާއިމުކުރުމަށްޓަކައި ކުރަންޖެހޭ ކަމެއްކަމުގައި ދެކިވަޑައިގަންނަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

