
ރަށްރަށުގައި ހިންގާ ހައުސިންގ މަޝްރޫޢުތަކުން، އެރަށަކާއި އެންމެ ކައިރި ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ ޒުވާނުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
“ޔޫތު ކޮފީ ވިތު ޕްރެޒިޑެންޓް”ގައި ޒުވާނުން ހުށައެޅި ބައެއް ކަންކަމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ޒުވާނުންނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އާއިލާއާ ދުރުގައި ރިސޯޓުތަކުގައި ދިރިއުޅެން ޖެހުން ކަމަށެވެ.
ރިސޯޓެއްގެ ކައިރިން ނުވަތަ ޓޫރިޒަމް ޒޯނުތަކުގެ ކައިރީގަ ހުންނަ ބޮޑެތި އާބާދީތަކުގައި ބޯހިޔާވަހިކަމުގެ ޕްރޮކެޖްޓުތައް އެބަ ހިންގަން. އޭރުން މައިގަނޑު ގޮތެއްގައި މި ހައްލުވެގެންދަނީ ޒުވާނުންނަށް. އެ ޒުވާނެއްގެ ޢާއިލާއާ ގާތުން ހައުސިންގ ހޯދުމުގެ ފުރުސަތު.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެ އިތުރުން، ކޮންމެ ހައުސިންގ ކުނިޓަކުން ވެސް ވަކި ޕަސެންޓެއް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ޚާއްސަ ކުރުމަށް ނިންމާފައިވާ ކަމަށާއި އޭގެ ތެރެއިން ވެސް ޒުވާނުންނަށް އިސްކަންދެވޭ ގޮތަށް ޝަރުތު ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ހަމައެހެންމެ، ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން މަސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ޒުވާނުންނަށާއި، އަލަށް ޢާއިލާއެއް ފަށައިގެން އުޅޭ ޒުވާނުންނަށް ވެސް ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގައި އިސްކަންދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

