
ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑަރ ކުރާ ނެޓްވޯރކްތައް ހުއްޓުވައި، ގާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުން ފަށާފައިވާ “އޮޕަރޭޝަން އަލިމަގު”ގެ ދަށުން 2026 ޖަނަވަރީ 11ވަނަ ދުވަހު ގއ.އަތޮޅާއި މާލޭ ސަރަހައްދުގައި ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި 4 މީހުންގެ އެކައުންޓްގައި ވޭތުވެދިޔަ ފަސްއަހަރު 300މިލިއަން ދިވެހި ރުފިޔާ ދައުރުކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ ޝެވޯނާ / ގއ.ވިލިނގިލި، ޝައްފާޙް ލަޠީފް (28އ) އާއި މިޔުޒިކީއާގެ / ގއ.ވިލިނގިލި، އަޙްމަދު މަދީޙު (33އ) އާއި އައިޒަން / ގއ.ވިލިނގިލި، އަޙްމަދު އަނާމް އިބްރާހީމް (30އ) އަދި އަރާއިރުގެ / ގއ.ވިލިނގިލި، ނޫރުއްނިޡާމް (35އ) އެވެ.
އޮޕަރޭޝަން އަލިމަގު: ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު މީހުންގެ ވަނަވަރު އާންމުކޮށްފި
ފުލުހުން ބުނީ މި އޮޕަރޭޝަނުގައި ހައްޔަރުކުރި ހަތަރު މީހުންނަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާ ނެޓްވޯކެއްގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ މީހުންނެވެ. އަދި މި ނެޓްވޯކްގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށް ފުލުހުން ހާއްސަ ތަހުގީގެއް ފެށީ 2025 މާރިޗް މަހުކަމަށާއި މި ނެޓްވޯރކުން 2015ވަނަ އަހަރުން ފެށިގެން މަސްތުވާތަކެތި ޓްރެފިކް ކުރަމުން ގެންދާކަން ފުލުހުންގެ ތަހުގީގަށް ހޯދިފައިވާކަމަށް ފުލުހުން ބުނެއެވެ. އެގޮތުން ފާއިތުވި 05 އަހަރު ތެރޭގައި މިނެޓްވޯރކް މެންބަރުންގެ ބޭންކް އެކައުންޓުތަކުގައި 300 މިލިއަނަށް ވުރެ ގިނަ ދިވެހި ރުފިޔާއާއި 4 ލައްކައަށް ވުރެ ގިނަ އެމެރިކާ ޑޮލަރު ދައުރުކޮށްފައިވާކަން ފުލުުހުން ބުންޏެވެ.
މީގެ އިތުރުން ފުލުހުން ބުނީ މި ނެޓްވޯރކް އިސްވެ ހިންގާ ފަރާތާއި އަދި އޭނާގެ ދަށުން، މަސްތުވާތަކެތި ވިއްކާ ވިޔަފާރިކޮށް މަނީލޯންޑަރ ކުރުމުގައި އެކި ގޮތްގޮތުން ހަރަކާތެރިވާ 19 ފަރާތެއް ފުލުހުންގެ ތަހުގީގަށް ދެނެގަނެވިފައިވާ ކަމަށާއި މި ހުރިހާ ފަރާތްތަކުގެ މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާ ކަމަށެވެ.
ފުލުހުން ވަނީ ހައްޔަރުކުރި 4 މީހުންގެ އެކައުންޓްތަކުގައި ދައުރުވި ފައިސާގެ ތަފްޞީލް ވެސް ވަކިވަކީން ހިއްސާކޮށްފައެވެ. އެ ގޮތުން އަޙްމަދު މަދީޙުގެ ބޭންކު އެކައުންޓުތަކުގައި 17,174,461.12 (ސަތާރަ މިލިއަން އެއްލައްކަ ހަތްދިހަ ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް އެއް ރުފިޔާ ބާރަ ލާރި) ދައުރުކޮށްފައި ވީ ނަމަވެސް މި މުއްދަތުގެ ތެރޭގައި އޭނާގެ އެކައުންޓަށް މުސާރައިގެ ގޮތުގައި ޖަމާވެފައި ވަނީ 430,638.99 ރުފިޔާކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން، އަޙްމަދު އަނާމް އިބްރާހީމް ގެ ބޭންކް އެކައުންޓުތަކުގައި 38،812،690.60 ވަނީ ދައުރު ކޮށްފައި ކަމަށާއި މި މުއްދަތުގެ ތެރޭގައި އޭނާގެ ބޭންކް އެކައުންޓަށް މުސާރައިގެ ގޮތުގައި ޖަމާވެފައި ވަނީ 271،874.32 ކަމަށް ވެސް ފުލުހުން ބުންޏެވެ.
އަދި، ޝައްފާޙް ލަޠީފްގެ ބޭންކް އެކައުންޓުތަކުގައި 6،916،752.83 ދައުރު ކޮށްފައިވާ އިރު މި މުއްދަތު ތެރޭގައި އޭނާގެ ބޭންކް އެކައުންޓަށް މުސާރައިގެ ގޮތުގައި ޖަމާވެފައިވަނީ 371،635.36 ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައިގެ ތަހުގީގަށް، ކޯޓު އަމުރެއްގެ ދަށުން މިހާތަނަށް 13 ފަރާތެއްގެ 53 ބޭންކު އެކައުންޓު ފްރީޒް ކުރެވިފައި ވެއެވެ.
މި ހަތަރު މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝައްފާޙް ލަޠީފާއި އަޙްމަދު މަދީޙާއި އަޙްމަދު އަނާމް އިބްރާހީމް ޝަރީޢަތް ނިމެންދެން ބަންދު ކުރުމަށް އަދި ނޫރުއްނިޡާމް 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.

