
އޮސްޓްރޭލިއާގައި 16އަހަރުން ދަށުގެ ކުޑަކުދީންނަށް ސޯޝަލް މީޑިއާގެ އެޕްލިކޭޝަންތައް މަނާކުރަން އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ.
އެ ގައުމުގެ އިދާރާތަކާ ޙަވާލާދީ މީޑިއާތަކުން ބުނެފައި ވަނީ އަންނަ ޑިސެމްބަރުމަހުގެ 10އިން ފެށިގެން 10 އެޕްލިކޭޝަނެއް މަނާކުރަން ނިންމައިފައިވާ ކަމަށެވެ. އެއީ ފޭސްބުކް، އިންސްޓަރގްރާމް ، ސްނެޕްޗެޓް، ތުރެޑްސް، ޓިކްޓޮކް، އެކްސް ، ޔޫޓިޔުބް ،ރެޑިޓް ، އަދި ކިކްގެ އިތުރުން ޓްވިޗެވެ. މި ނިންމުމަށް އަމަލުކުރަން ފެށުމުން 16އަހަރުން ދަށުގެ ކުއްޖެއް ސޯޝަލް މީޑިއާ ބޭނުންކުރާ ނަމަ އެ ބޭނުންކުރާ އެޕްލިކޭޝަނެއްގެ ކުންފުނި ޖޫރިމަނާ ކުރެވޭނެއެވެ.
މި ނިންމުމާ ގުޅިގެން އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒް ބުނެފައި ވަނީ މި ނިންމުމަކީ “ކުޑަކުދީން ، ކުޑަކުދީންގެ ގޮތުގައި ބޭތިއްބުމަށް” ނިންމި ނިންމުމެއްކަމަށެވެ.
އޮސްޓްރޭލިއާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 13އަހަރާއި 15އަހަރާ ދެމެދުގެ 150،000އަށް ވުރެ ގިނަ ކުދީން ފޭސްބުކް ބޭނުންކުރެއެވެ. އަދި 350،000އަށް ވުރެ ގިނަ ކުދީން އިންސްޓަގްރާމް ބޭނުންކުރެއެވެ. މީގެ އިތުރުން ސޯޝަލް މީޑިއާ ބޭނުންކުރާ 10-އަހަރާއި 15އަހަރާ ދެމެދު ކޮންމެ 10ކުދީންގެ ތެރެއިން 7ކުއްޖަކު އުޅުމާއި ގުޅުމަށް ނޭދެވޭ އަސަރުކުރާ ކޮންޓެންޓަށް ހުށަހެޅޭކަމަށް ވެސް ދިރާސާތަކުން ދައްކައެވެ. އެ ފަދަ ކޮންޓެންޓްތަކުގެ ތެރޭގައި އަނިޔާވެރިކަމަށާއި މާރާމާރީ އަދި އަމިއްލައަށް މަރުވުމަށް ހިތްވަރުދޭ ކޮންޓެންޓާއި ކެއުންބުއިމުގެ ނުރަނގަޅު އާދަތައް އުފެދޭ ފަދަ ކޮންޓެންޓް ހިމެނެއެވެ.

