
އޮފީސްތަކުގެ ޤުރުއާން މުބާރާތުން އެއްވަނަ އެމްއެންޑީއެފް ހޯދައިފިއެވެ.
އެކާވީސް އިދާރާއަކުން 71ބައިވެރިންނާއެކު އޮފީސްތަކުގެ ޤުރުއާން މުބާރާތް ފެށީ މިދިޔަ މަހުގެ 22ވަނަ ދުވަހުއެވެ.
އެ މުބާރާތުގެ ނަތީޖާފާޅުކޮށްފައިވާ އިރު އޮފީސްތަކާއި ކުންފުނިތައް ހިމެނޭގޮތަށް މުޅި މުބާރާތުން އެއްވަނަ ހާސިލުކުރީ އެމްއެންޑީއެފްއިންއެވެ.
އޮފީސްތަކާއި ކުންފުނިތަކުގެ ބައިން ބަލައިގެން ކިޔެވުމުގެ ބައިން މުޅި މުބާރާތުން އަންހެން ކެޓަގަރީން އެއްވަނަ ހާސިލުކުރީ އެމްއެންޑީއެފްގެ ރަނާ އިބްރާހިމްއެވެ. ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުގެ ހަދީޖާ ހަމީދުއެވެ. އަދި ފިރިހެން ކެޓަގަރީއިން ކަސްޓަމްސްގެ ޔައީޝް މުހައްމަދު ނިޔާޒްއެވެ.
ައަދި އޮފީސްތަކާއި ކުންފުނިތަކުގެ ބައިވެރިންގެ ތެރެއިން ނުބަލާ ކިޔެވުމުގެ ބައިން ފިރިހެން ކެޓަގަރީން އެއްވަނަ ހޯދާފައިވަނީ ކެޕިޓަލް މާކެޓް ޑިވޮލޮޕްމަންޓް އޮތޯރިޓީގެ މުހައްމަދު ޝަފްއާން ސުލައިމާންއެވެ.
2016ވަނަ އަހަރުން ފެށިގެން އިސްލާމިކް މިނިސްްޓްރީން ބާއްވަމުން ގެންދާ، މި މުބާރާތް މިދިޔަ އަހަރުން ފެށިގެން ބާއްވަމުން އަންނަނީ ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުންނެވެ.
އޮފީސްތަކުގެ ޤުރުއާން މުބާރާތަކީ، އޮފީސްތަކުގެ މުވައްޒަފުންގެ މެދުގައި ކީރިތި ޤުރްއާން ކިޔެވުމަށް ލޯބިޖެއްސުމާއި، ވާދަވެރި މާހައުލެއްގައި ކީރިތި ޤުރުއާން ކިޔެވުމަށް ލޯބި ޖެއްސުމަށް ހިތްވަރު ދިނުމުގެ ގޮތުން، ބާއްވަމުން އަންނަ މުބާރާތެކެވެ.
މި ރޯދަ މަހު އިސްލާމިކް މިނިސްޓްރީން ދީނީ ގިނަ ޕްރޮގްރާމްތަކެއް ދަނީ ހިންގަމުންނެވެ.

