
އިންވެސްޓަރުންގެ ޝައުގުވެރިކަން އިތުރުކުރުމަށް، ބޮޑެތި ލުއިތަކަކާ އެކު އިގުތިސޯދީ މަސައްކަތްތައް ކުރުމަށް ވަކި ސަރަޙައްދެއް ދޫކުރެވޭ ގޮތަށް ސްޕެޝަލް އިކޮނޮމިކް ޒޯނު (އެސްއީޒެޑް) ގާނޫނު އިސްލާހުކުރަން ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލު، ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ހުށަހެޅުއްވި ބިލުގެ މަގުސަދެއްގެ ގޮތުގައި ބަޔާންކޮށްފައި ވަނީ، ސަސްޓެއިނަބަލް ޓައުންޝިޕްގެ ގޮތުގައި އެސްއީޒެޑް ކަނޑައެޅުމަށް މަގުފަހިކުރުމުގެ ގޮތުން، އެ ޒޯނާ ގުޅޭ ޝަރުތުތަކާއި އުސޫލުތައް ބަޔާންކުރުމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމެވެ.
ބިލުގައި ގާނޫނަށް ގެންނަން ހުށަހަޅާފައި އޮތް އެންމެ ބޮޑު އިސްލާހަކީ އެސްއީޒެޑްގެ ގާނޫނުގެ 20ވަނަ މާއްދާއަށް ނަންބަރެއް އިތުރުކޮށް، “ސަސްޓެއިނަބަލް ޓައުންޝިޕް”ގެ ނަމުގައި ކެޓަގަރީއެއް އިތުރު ކުރުމަށެވެ.
ބިލުގައި، ‘ސަސްޓެއިނަބަލް ޓައުންޝިޕް’ މާނަކޮށްފައި ވަނީ، އެއް މެނޭޖްމަންޓެއްގެ ދަށުން ކަނޑައެޅޭ ވަކި ޒޯނެއްގައި ގާނޫނުގައި ބަޔާންކުރާ ވަސީލަތްތަކާއި، ހިދުމަތްތަކާ އެކު ގާއިމުކުރެވޭ ލާޖް-ސްކޭލް ރިއަލް އެސްޓޭޓް ޑިވެލޮޕްމެންޓެއް ނުވަތަ އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓެއް ހިމެނޭ ގޮތުން ތިމާވެށްޓަށް ލިބޭ ގެއްލުން ކުޑަ ކުރެވޭނެ ދެމެހެއްޓެނިވި އިންފްރާސްޓްރަކްޗާ އާއި ވަސީލަތްތައް މެދުވެރިކޮށް، ތަނުގައި މީހުންނަށް ދިރިއުޅެވޭނެ ވަސީލަތްތަކާއި، ހިދުމަތްތަކާއި، އާންމު ބޭނުންތަކުގެ ވަސީލަތްތައް ގާއިމުކުރެވިގެންވާ މީހުން ދިރިއުޅޭ ސަރަހައްދަކަށެވެ.
މި ބިލު މުޅި މަޖިލީހުގެ ކޮމެޓީން ދިރާސާކުރިއިރު ސަރުކާރުގެ ފަރާތުން ވަނީ ބިލަށް އިސްލާހެއް ވެސް ހުށަހަޅާފަ އެވެ. އެއީ ޒޯނެއްގައި ހިމެނޭ ޓޫރިސްޓް ރިޒޯޓެއްގެ ނުވަތަ އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓެއްގެ ވިލާއެއް ނުވަތަ ކޮޓަރިއެއް ސްޓްރާޓާ އުސޫލުން ދިގު މުއްދަތަކަށް ކުއްޔަށް ދިނުމުގެ މުއާމަލާތަކާ ގުޅިގެން އެ ވިލާއެއް ނުވަތަ ކޮޓަރިއަކާ ގުޅޭ ހައްގުތައް ވިއްކާލާ ޖުމްލަ އަގުގެ ހަތަރު ޕަސެންޓް ރޭޓުން ޕްރޮޕަޓީ ޓްރާންސްފާ ޓެކުހެއްގެ ގޮތުގައި ދައުލަތަށް ޓެކުހެއް ނެގޭނެ ގޮތަށް ބަދަލު ކުރުމަށެވެ.
އެ އިސްލާހާއެކު މުޅި މަޖިލީހުގެ ކޮމެޓީން އިއްޔެ ވަނީ އެ ބިލު ފާސްކޮށްފަ އެވެ. ކޮމެޓީން ގެނައި އިސްލާހުތަކާއެކު އެ ބިލު މަޖިލީހުން މިއަދު ފާސްކޮށްފައި ވަނީ 46 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ބިލާ ދެކޮޅަށް ވޯޓު ދިނީ އެމްޑީޕީގެ 10 މެންބަރުންނެވެ.

