
އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ އެ ޕާޓީގެ އެތެރޭގެ ޕްރައިމަރީގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރައްވާ ކަމަށް، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ އެތެރޭގެ ފެކްޝަންތަކުގެ ވާދަވެރިކަން އެންމެ ބޮޑަށް އޮތީ، ވެރިރަށް މާލޭގެ މޭޔަރުގެ ޕްރައިމަރީގަ އެވެ. މާލެއަށް އުފަން ޝާހިދުގެ ތާއީދު އޮތީ އެ ޕްރައިމަރީގައި ވާދަކުރައްވާ އަލީ އާޒިމަށް ކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.
އެ ކަން ދޮގުކުރައްވައި ޝާހިދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕާޓީގެ ރައީސްގެ މަގާމުގައި ހުރެ ވަކި ކެންޑިޑޭޓަކަށް އެތެރޭގެ އިންތިޚާބެއްގައި ތާއީދު ކުރުމަކީ އޭނާ ގަބޫލުކުރައްވާ އުސޫލެއް ނޫން ކަމަށެވެ.
“ލޯކަލް ކައުންސިލް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް އަޅުގަނޑު ކާމިޔާބީއަށް އެދެން. އެމްޑީޕީގެ ޓިކެޓް ކާމިޔާބު ކުރައްވާ ހުރިހާ ބޭފުޅުންނާއި އެކު ލޯކަލް ކައުންސިލް އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުކޮށްދިނުމަށް އަޅުގަނޑު މިހުރީ ހުރިހާ މަސައްކަތެއްކުރުމަށް ތައްޔާރަށް،” ޕޯސްޓްގައިވެ އެވެ.
މެދު ހެންވޭރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަލީ އާޒިމްއާ އެ ޕްރައިމަރީގައި ވާދަކުރައްވަނީ މިހާރު ވެސް މާލޭގެ މޭޔަރު އާދަމް އާޒިމެވެ. އާދަމް އާޒިމްގެ ފަހަތުގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފެކްޝަނެވެ. އަލީ އާޒިމަށް ތާއީދުކުރަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލްގެ ފެކްޝަނެވެ.

