ގިނަ ބާވަތްތަކުގެ ބޭހަށް ނުގުޑާ ޖަރާސީމެއް ނުވަތަ މަލްޓި ޑްރަގް ރެސިސްޓެންޓް އޯގަނިޒަމްސް (އެމްޑީއާރްއޯ) ފެނުނީ އަލަށް ވިހޭ ފަސް ކުއްޖެއްގެ ގައިން ކަމަށާއި އެ ކުދިންގެ ތެރެއިން ހާލު ދެރަވި ކުދިން އިތުރު ފަރުވާއަށް ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ބުނެފި އެވެ.
އަލަށް އުފަންވާ ކުދިންނަށް އަވަސް ފަރުވާދޭ ޔުނިޓު، އެންއައިސީޔޫން އެ ޖަރާސީމު ފެނިފައިވާ ކަން އައިޖީއެމްއެޗުން ހާމަކޮށްފައި ވަނީ އިއްޔެ އެވެ. އެ ހޮސްޕިޓަލުން “އެކްސް” ގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ހާލު ދެރަ ބަލިމީހުންނަށް ފަރުވާދެމުންދާ ތަންތަނުގައި ބައެއް ފަހަރު މިފަދަ ޖަރާސީމުތައް އުފަންވާ ކަމަށެވެ. އެފަދަ ޖަރާސީމުތަކަކީ ގިނަ ބާވަތްތަކުގެ ބޭހަށް ނުގުޑާ ޖަރާސީމަކަށް ވާތީ ނުރައްކާތެރި އިންފެކްޝަނަށް މަގުފަހިވާ ކަމަށެވެ.
ކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ހާމަކޮށް، އެ ހޮސްޕިޓަލުން ރޭ ނެރުނު ބަޔާނުގައި ބުނީ އެމްޑީއާރް “ބަކޯލްޑޭރިއާ ސެޕޭޝިއާ” ފެނިފައި ވަނީ 28 ހަފުތާއަށް ވުރެ ކުރިން އުފަންވެ، އެންއައިސީޔޫގައި އެޑްމިޓްކުރެވި ފަރުވާދެމުންދިޔަ ކުއްޖެއްގެ ހަށިގަނޑުން ނެގުނު ސާމްޕަލަކުން މާޗް މަހުގެ 27 ގައި ކަމަށެވެ. އެ އާއެކު ވަގުތުން ކުއްޖާ އައިސޮލޭޓްކުރެވި، ޖަރާސީމު އިތުރަށް ފެތުރުން ހުއްޓުވުމަށް، އެންވައިރަމަންޓަލް ސާޕްމަލް ނަގައި، އިންފެކްޝަން ކޮންޓްރޯލް ކުރުމުގެ (އައިޕީސީ) ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ.
އެ ކޭސް ކުރިމަތިވުމަށްފަހު، އިތުރަށް ނެގި ސާމްޕަލްތަކުން އެންއައިސީޔޫގައި އެޑްމިޓްކުރެވިފައި ތިބި އިތުރު ހަތަރު ތުއްތު ކުއްޖެއްގެ ހަށިގަނޑުން އެ އިންފެކްޝަން ފެނިފައިވާ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ. އެ ކުދިންގެ ތެރޭގައި ހިމެނެނީ ދުވަސް ނުފުރާ ވިހެއި ތިން ކުދިންނާއި ދުވަސް ފުރާ ވިހެއި ކުއްޖެކެވެ. އެ ހުރިހާ ކުދިންނަކީ ވެސް ވެންޓިލޭޓަރުގައި ފަރުވާދެމުން ދިޔަ ކުދިން ކަމުގައި ފާހަގަކުރި އެވެ.
އައިޖީއެމްއެޗުން ބުނި ގޮތުގައި ޖަރާސީމު އިތުރަށް ފެތުރުން ހުއްޓުވުމުގެ ގޮތުން އެ ކުދިން އައިސޮލޭޓްކޮށް، އިންފެކްޝަން ކޮންޓްރޯލް ކުރުމުގެ ފިޔަވަޅުތަކާ އެކު ގާތުން ބަލަމުންދާ ކަމުގަ އެވެ. ކުދިންނަށް އެންޓިބަޔޮޓިކަލް ފަރުވާ ދެވުނީ އެންޓިމައިކްރޯބިއަލް ސަސެޕްޓިބިލިޓީ ނަތީޖާތަކާއި ކޮންމެ ކުއްޖެއްގެ ކްލިނިކަލް ހާލަތަށް ބަލައިގެން ކަމުގަ އެވެ.
“މި ކުދީންގެ ތެރެއިން އިތުރު ފަރުވާ ބޭނުންވާ ކުދީން، ރާއްޖެއިން ބޭރަށް ފޮނުވުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ ކަންކަން ވެސް ކުރިއަށްދާކަން މި ފުރުސަތުގައި ފާހަގަކުރަމެވެ.” ބަޔާނުގައިވެ އެވެ.
އައިޖީއެމްއެޗުން ވަނީ އެ ހޮސްޕިޓަލުން ފަރުވާ ދެވޭ ބަލިމީހުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާކަން ފާހަގަކޮށްފަ އެވެ.