
އެމެރިކާއިން އެމްއެންޑީއެފްއަށް ތަކެތި ހަދިޔާކޮށްފިއެވެ.
މިއަދު ކަލާސީނުކޮށީގައި ބޭއްވި ރަސްމިއްޔާތުގައި އެ ތަކެތި އެމްއެންޑީއެފްއާ ހަވާލުކޮށްދެއްވީ އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ހޫގޯ ޔޫ-ހޯ ޔޮންއެވެ. އަދި އެ ތަކެއްޗާ އެމްއެންޑީއެފްގެ ފަރާތުން ހަވާލުވެލެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީއެވެ. އެމެރިކާއިން ދިވެހި އަސްކަރިއްޔާއަށް މިއަދު ހަދިޔާކުރެއްވި ތަކެތީގެ ތެރޭގައި ހިމެނެނީ، ހަތަރު ރިބާއި، ރިބް ޝެލްޓަރެއްގެ އިތުރުން ދެ ރޭމްޕެވެ.
އެ ތަކެއްޗަކީ އެމެރިކާގެ ފޮރިން މިލިޓަރީ ފަންޑް (އެފްއެމްއެފް)އާއި ބިލްޑިންގ ޕާޓްނާޝިޕް ކެޕޭސިޓީ (ބީޕީސީ) ޕްރޮގްރާމްގެ ދަށުން އެމެރިކާއިން ދިން ގްރާންޓް އެހީއެކެވެ.
މިއަދުގެ ރަސްމިއްޔާތުގައި، ވާހަކަފުޅު ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް ވަނީ، އެމެރިކާއިން ރާއްޖޭގެ ދިފާއީ ދާއިރާ ހަރުދަނާކޮށް ދިވެހި ސިފައިންގެ ކެޕޭސިޓީ ބިލްޑްކޮށް، ގާބިލުކަން އިތުރުކުރުމުގެ ގޮތުން، ފޯރުކޮށްދޭ އެހީތެރިކަން ފާހަގަކުރައްވައި، އެމެރިކާގެ ރައްޔިތުންނަށް ޝުކުރު ވެސް އަދާކުރައްވާފައެވެ.

