
އުމްރާ ގްރޫޕްތައް މެދުވެރިކޮށް ރޯދަ މަހު ދަތުރުކުރާ ޢުމްރާވެރިންނަށް ފަސޭހަކަމާއެކު ޑޮލަރު ގަތުމަށް ހާއްސަ އިންތިޒާމެއް މިއަހަރު ވެސް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ހަމަޖައްސައިފިއެވެ.
އެގޮތުން ޑޮލަރު ވިއްކުމުގެ ހިދުމަތް އަމީނީމަގުގައި ހުންނަ ބީއެމްއެލް ކަސްޓަމަރ ސަރވިސް ސެންޓަރ ގްރައުންޑް ފްލޯއިން ލިބޭނެކަމަށާއި އެ ހިދުމަތް ލިބިގަތުމަށް ކަސްޓަމާ ސާވިސް ސެންޓަރުން ނަމްބަރު ނެގޭނެމަމށް ބީއެމްއެލްއިން ބުންޏެވެ.
އެ ހިދުމަތް ދޭނީ މި މަހުގެ އަށަކުން 26ގެ ނިޔަލަށް ބޭންކު ހުޅުވާ ދުވަސްތަކުގައި ހެނދުނު 9:30އިން މެންދުރު 12:30އަށްކަމަށް ބީއެމްއެލްއިން ބުންޏެވެ.
ބީއެމްއެލްއިން ބުނީ އެ ބޭންކުން ޑޮލަރު ވިއްކާނީ އުމްރާ ގްރޫޕްތަކުން ހުށަހަޅާފައިވާ އުމްރާވެރިންގެ ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ކަމަށެވެެ. އަދި ޑޮލަރު ގަންނަ ވަގުތު ކޮންމެ އުމްރާވެރިއެއްގެ އައިޑީ ކާޑު ނުވަތަ ޕާސްޕޯޓްގެ އަސްލު ހުށަހަޅަންވާނެ ކަމަށް ވެސް ބުންޏެެވެ.
އުމްރާވެރިއެއްގެ ބަދަލުގައި އެހެން ފަރާތަކުން ޑޮލަރު ގަންނަނަމަ، އެފަރާތެއްގެ އައިޑީ ކާޑުގެ އަސްލު ވެސް ހުށަހަޅަންވާނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.
ބީއެމްއެލްއިން އިތުރަށް ބުނިގޮތުގައި
• ކޮންމެ އުމްރާވެރިއަކަށްވެސް ގިނަވެގެން ވިއްކާނީ 500ޑޮލަރު
• ކޮންމެ އުމްރާވެރިއަކަށްވެސް ޖުމްލަ 5އުމްރާވެރިންނަށް ޑޮލަރު ގަނެވޭނެ
• ޑޮލަރު ގަތުމަށް ފައިސާ ދެއްކޭނީ ބީއެމްއެލް ޑެބިޓް ކާޑަކުން
އެހެނިހެން އުމްރާވެރިންނަށް ޔޫއެސްޑީ ބުކިން ޕޯޓަލް މެދުވެރިކޮށް ޑޮލަރުގެ މުއާމަލާތް ފުރިހަމަކޮށްގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޑިޕާޗާ ހޯލުން ޑޮލަރު ނެގޭނެކަމަށް ވެސް ބީއެމްއެލްއިން ބުންޏެވެ.

