
މި އަހަރުގެ ތިންވަނަ ކުއާޓާގައި އުރީދޫ މޯލްޑިވްސްއަށް ސާފު ފައިދާގެ ގޮތުގައި 180 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ދައްކައިފިއެވެ.
އުރީދޫ މޯލްޑިވްސްގެ މާލީ ރިޕޯޓުގައިވާ ގޮތުން އެ ކުންފުންޏަށް މި އަހަރުގެ ދެވަނަ ކުއާޓަރުގައި ލިބުނު ސާފު ފައިދާއަށް ވުރެ ތިންވަނަ ކުއާޓަރުގައި ލިބުނު ފައިދާ ވަނީ އިތުރުވެފައެވެ. ދެވަަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބުނީ 167 މިލިއަން ރުފިޔާއެވެ. ނަމަވެސް ތިންވަނަ ކުއާޓަރުގައި މި އަދަދު ވަނީ 180 މިލިއަން ރުފިޔާއަށް މައްޗަށް ގޮސްފަ އެވެ.
މި މުއްދަތުގައި އުރީދޫގެ ޖުމްލަ އާމްދަނީ ވެސް ވަނީ 539 މިލިއަން ރުފިޔާއިން 549 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
އުރީދޫގެ ހިއްސާ ވެސް މިދިޔަ ތިން މަހު ވަނީ މައްޗަށް ގޮސްފައެވެ. އެ ކުންފުނީގެ ހިއްސާއެއް ރާއްޖޭގެ ހިއްސާގެ ބާޒާރުގައި އެންމެ މަތިން ވިކިފައި ވަނީ 89.97ރ. އަށެވެ. އަދި އެންމެ ދަށްކޮށް ހިއްސާގެ މުއާމަލާތެއް ކޮށްފައިވަނީ 80ރ. އަށެވެ.
އެ ކުންފުނީގެ ޖުމްލަ އެސެޓު ވެސް ވަނީ އިތުރުވެފައެވެ. މިގޮތުން އެ ކުންފުނީގެ އެސެޓު ވަނީ ގާތްގަނޑަކަށް ފަސް ބިލިއަން ރުފިޔާއަށް އަރަން ގާތްވެފައެވެ.

