
ރައީސް ޑރ. މުހައްމަދު މުއިއްޒު، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް މ. ވޭވަށް، ކިނާރާ ރިފްއަތު ޢަބްދުﷲ މިއަދު އައްޔަންކުރައްވައިފިއެވެ.
މިއަދު، ރައީސްގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި ރިފްއަތު ވަނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިގުރާރުގައި ސޮއިވެސް ކުރައްވާފައެވެ. އޭނާއަށް މެންބަރުކަމުގެ ހުވާލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމްއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަންކުރެއްވިކަމުގެ ލިޔުން ވެސް ރިފްޢަތު އާއި ޙަވާލުކޮށްދެއްވާފައެވެ.
އީސީގެ މެމްބަރުގެ މަގާމަށް ރިފްއަތު އައްޔަނުކުރީ ކުރިން މެމްބަރުކަމުގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު ޒާހިދުގެ މެމްބަރު ކަމުގެ މުއްދަތު ހަމަވާތީ، އެ މަގާމަށް ހުޅުވާލުމުން ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ރިފްއަތުގެ ނަން ރައީސް މަޖިލީހަށް ހުށަހެޅުއްވުމުން ނެވެ. މަޖިލީހުން ރިފްއަތަށް ރުހުން ދިނީ މިދިޔަ އަންގާރަ ދުވަހުއެވެ.
މަޖިލީހުގެ މެމްބަރުކަމަށް އައްޔަނުކުރެއްވުމުގެ ކުރިން ރިފްއަތު ހުންނެވީ ހައްޖު ކޯޕަރޭޝަންގެ ލީގަލް ކައުންސެލްގެ މަގާމުގައެވެ.

