
އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު ޝަމްއާން ވަހީދާއި އިތުރު އޮފިސަރުންތަކެއް ވެގެން ބިދޭސީއަކު އަތުން ފޭރުނު ކަމަށް ބުނާ މައްސަލާގައި ދައުވާކޮށްފައިވާ އެއް އޮފިސަރު އަހްމަދު ލައްސާން ނުވަ މަހަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.
ލައްސާން ވަނީ ކުށަށް އިއުތިރާފްވެ ދައުލަތާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް އަދަބު ކަނޑައަޅަނީ އިއުތިރާފް އެއްބަސްވުމުގައިވާ ގޮތަށެވެ.
އެއީ ފޭރުމުގެ ކުށުގެ ދައުވާއަށް ހަތް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށްލުމާއެކު 14،400ރ.ގެ ޖޫރިމަނާއެއް ދެއްކުމެވެ.
އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއަށް 2 މަހާއި 12 ދުވަހަށް ޖަލަށް ލުމާއެކު 14،400ރ.ގެ ޖޫރިމަނާއެއް ދެއްކުމެވެ.
ލައްސާން ގެންދަނީ ޖަލުގައި މިހާރު ހުކުމް ތަންފީޒުކުރަމުންނެވެ.
މި މައްސަލާގައި ދެން ކުށަށް އިއުތިރާފްވެ ހުކުމްކޮށްފައިވަނީ މުހައްމަދު އަލްސަން އިސްމާއިލްގެ މައްޗަށެވެ. އެއީ ވެސް އިމިގްރޭޝަންގެ އޮފިސަރެކެވެ.
އިއުތިރާފު އެއްބަސްވުމުގައި ވަނީ ޖަލު އަދަބުގެ ގޮތުގައި ދެ މަހާއި ތިން ދުވަސް ކަނޑައެޅުމަށެވެ. ހުކުމުގެ ބާކީ ޖޫރިމަނާއަށް ބަދަލުކޮށް، ޖޫރިމަނާގެ ގޮތުގައި 45،000ރ. އެއް އަހަރުގެ ތެރޭގައި ދައްކާ ގޮތަށެވެ.
މި މައްސަލަގާއި އަލްސަން ބަންދުގައި ދެ މަހާއި ތިން ދުވަސް ވަނީ ހޭދަކޮށްފައި ވާތީ އެ މުއްދަތު ހުކުމުން އުނިކުރުމުން ތަންފީޒުކުރާނެ އަދަބެއް ނެތެވެ.

