
ބާޒާރުގައި ތަކެތީގެ އަގު ހުރި ގޮތް ބަލައިލެވޭ ގޮތަށް އިކޮނޮމިކް މިނިސްޓްރީން ‘އަގުމަގު’ ނަމުގައި އެޕްލިކޭޝަނެއް ތައްޔާރުކޮށް، ލޯންޗުކޮށްފި އެވެ.
މި އެޕްލިކޭޝަން އެޕްސްޓޯރާއި ޕްލޭ ސްޓޯރުގައި ވެސް ލިބެން އެބަ ހުއްޓެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި ކޮންމެ ދުވަހަކު ބޭނުންކުރާ ތަކެތި އެންމެ ފަހުން ލިބެން ހުރި އަގުތައް އެ އެޕްލިކޭޝަނުން ފެންނަން ހުންނާނެ އެވެ.
އެއިން ކޮންމެ އެއްޗެއް މިއަދު ބާޒާރުގައި ހުރި އެންމެ ހެޔޮ އަގާއި، އެވެރެޖް އަގާއި، އެންމެ ބޮޑު އަގު ވެސް އެޕްލިކޭޝަނުން ފެންނާނެ އެވެ. އަދި ފާއިތުވި 10 ދުވަހުގެ ތެރޭގައި އަގަށް އައި ބަދަލުތައް ވެސް އެ އެޕްލިކޭޝަނުން ބަލައިލެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ދެ ރަށެއްގެ އަގުތައް ވަގުތުން އަޅައިކިޔޭނެ ގޮތަށް ހުރިހާ ރަށެއްގެ އަގުތައް ފެންނަން ހުރެފައި، އަޅައިކިޔަން ބޭނުންވާ ދެ ރަށެއް އިހުތިޔާރުކޮށްގެން ވެސް ބަލައިލެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ ތަނަކަށް ދިއުމުގެ ކުރިން ނުވަތަ ދަތުރުކުރުމުގެ ކުރިން ތަކެތި އަގުހެޔޮކޮށް ހުރީ ކޮން ރަށެއްގައި ކަން ބަލައިލެވޭނެ ކަމަށެވެ.
އެޕްލިކޭޝަން ތައްޔާރުކޮށްފައިވަނީ ވަންނަން ބޭނުންވާ އަގުތައް މޮނިޓާކުރެވޭނެ ގޮތަށް ކަން ވެސް އިކޮނޮމިކް މިނިސްޓްރީން ފާހަގަކުރި އެވެ. އެ ގޮތުން އަގުތަކަށް އަންނަ ބަދަލުތައް ބަލައި، އަގުހެޔޮވުމުން ނުވަތަ ބޮޑުވުމުން ވަގުތުން ނޮޓިފިކޭޝަން ލިބޭ ގޮތަށް ހެދޭނެ އެވެ.
މީގެ އިތުރުން އާންމުކޮށް ގަންނަ ތަކެތީގެ ލިސްޓުތައް ސޭވްކޮށް، ބޭނުން ކޮންމެ ވަގުތަކު އެ ތަކެތީގެ އަދާހަމަ އަގު ބަލައިލެވޭނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ. މުޅި ލިސްޓަށް އަރާ ޖުމުލަ ވަރާއި، އެންމެ ކުޑަ އަގެއް ހޭދަވާނެ ގޮތާއި ވަކިވަކި ތަކެތި އެންމެ ހެޔޮ އަގުގައި ލިބޭނެ ތަންތަން ބަލައިލެވޭނެ ކަމަށް ވެސް ބުންޏެވެ.

