ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އިންޑިއާ އިން ރާއްޖެއަށް ބަޖެޓު ސަޕޯޓުގެ ގޮތުގައި ދިން 200 މިލިއަން ޑޮލަރުގެ ތެރޭގައި ހިމެނޭ 50 މިލިއަން ޑޮލަރު ދެއްކުމުގެ މުއްދަތު އިންޑިއާ އިން އިތުރު އެއް އަހަރަށް ފަސްކޮށްދީފައެވެ.
މާލީ ކަންކަމާއި ތަރައްގީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު އިންޑިއާގެ އިސް ވަފުދަކާއެކު ބޭއްވެވި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި ކުރިއަށްދާ މަޝްރޫއުތަކާ ބެހޭ ގޮތުން އިއްޔެ ވަނީ މަޝްވަރާ ކުރައްވައިފައެވެ.
އިންޑިއާގެ ވަފުދުގައި އިސްކޮށް ހުންނެވީ އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ. ބާލާސުބްރަމަނިއަންއެވެ. އެމަނިކުފާނުގެ އަރިހުގައި ޖޮއިންޓް ސެކްރެޓަރީ ސޫޖާ ކޭ. މެނޮން އަދި އިންޑިއާގެ ޚާރިޖީ ވުޒާރާގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
ރާއްޖޭގެ ހާރިޖީ ވުޒާރާއިން ވިދާޅުވީ މަޝްވަރާތަކުގެ މުހިންމު ނަތީޖާއެއްގެ ގޮތުން، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ސަބްސްކްރައިބްކޮށްފައިވާ 50 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލް، 18 ސެޕްޓެމްބަރުގައި މުއްދަތު ހަމަވުމުން އިތުރުކުރެވޭނެކަން ކަށަވަރުކުރެވުނު ކަމަށެވެ. މި ނިންމުމުން ހާމަވަނީ އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ދެމުންގެންދާ ދެމެހެއްޓެނިވި އިތުބާރާއި އެހީތެރިކަން ކަމުގައި ހާރިޖީ ވުޒާރާ އިން ފާހަގަކުރިއެވެ.
މަޝްވަރާތައް މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައިވަނީ އިންޑިއާ ސަރުކާރުގެ ލައިންސް އޮފް ކްރެޑިޓް (އެލްއޯސީ) ގެ ދަށުން ފައިނޭންސްކުރެވޭ މުހިންމު ތަރައްގީގެ މަޝްރޫއުތަކުގެ ޕޯޓްފޯލިއޯއަށް ކަމަށާއި ދެފަރާތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ބާއްވަވައި، ތަންފީޒުކުރުމުގައި ދިމާވާ މައިގަނޑު ގޮންޖެހުންތަކާ މެދު މަޝްވަރާކުރައްވައި، ދިވެހި ރައްޔިތުންގެ މަންފާއަށްޓަކައި އެ މަޝްރޫޢުތައް ކާމިޔާބުކަމާއެކު ނިންމުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާ ކަމަށް ވުޒާރާއިން ވިދާޅުވިއެވެ.
މީގެއިތުރުން، މިބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް އޮތް ފުރުސަތުތަކާ މެދު މަޝްވަރާކުރެއްވިއެވެ.
ދެފަރާތުންވެސް އިގްތިސާދީ އެއްބާރުލުމަށް އާ ފުރުސަތުތައް ހޯދުމަށާއި ރާއްޖެއާއި އިންޑިއާއާ ދެމެދުގައި ހިންގޭ ވިޔަފާރީގެ މިންވަރު އިތުރުކުރުމަށް މަސައްކަތްކުރުމުގެ ޝައުގުވެރިކަން ފާޅުކުރައްވާކަން ހާރިޖީ ވުޒާރާއިން ފާހަގަކުރެއްވިއެވެ.
ސޯލިހްގެ ވެރިކަމުގެ ކުރީކޮޅު 2019 ވަނަ އަހަރު ބަޖެޓު ސަޕޯޓުގެ ގޮތުގައި އިންޑިއާގެ ސްޓޭޓް އޮފް ބޭންކް (އެސްބީއައި) މެދުވެރިކޮށް 200 މިލިއަން ޑޮލަރު ނެގިއެވެ. އޭގެ ތެރެއިން 50 މިލިއަން ޑޮލަރަކީ ހިލޭ އެހީއެވެ. ބާކީ 150 މިލިއަން ޑޮލަރަކީ އެސްބީއައި އަށް ޓްރެޝަރީ ބިލް ވިއްކައިގެން ހޯދި ލޯނެކެވެ. ސޯލިހްގެ ވެރިކަން ނިމިގެން އައިއިރު، މި ލޯންގެ އެއްވެސް މިންވަރެއް ދައްކާފައި ނުވުމުން އެ ދަރަނި ދައްކަން ޖެހުނީ މި ސަރުކާރަށެވެ.
ކުރީގެ ސަރުކާރުން އެ ލޯން ދެއްކުމުގެ ބަދަލުގައި އިންޑިއާ ސަރުކާރަށް ހުށަހަޅައިގެން ދިޔައީ އެއް އަހަރުން އަނެއް އަހަރަށް ލޯން ރޯލް އޯވާ ނުވަތަ ލޯން ދެއްކުން ފަސްކުރަމުންނެވެ.
އެކަމަކު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން މިދިޔަ އަހަރުގެ ޖެނުއަރީ މަހު 50 މިލިއަން ޑޮލަރު ދެއްކިއެވެ. އެހެންވެ، ބާކީ 100 މިލިއަން ޑޮލަރު އަދިވެސް ދައްކަން އެބައޮތެވެ.
އިންޑިއާ ސަރުކާރުން ވަނީ ރާއްޖޭގެ ރިޒާވް ރަނގަޅު ކުރުމަށް ކަރަންސީ ސްވޮޕް ފެސިލިޓީއެއް ހަމަޖައްސައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ 400 މިލިއަން ޑޮލަރުގެ ސްވޮޕް ފެސިލިޓީ އަކާއި 30 ބިލިއަން ރުޕީސްގެ ސްވޮޕް ފެސިލިޓީއެކެވެ. މިއީ ރާއްޖެ އިން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ނެގޭނެ ފެސިލިޓީއެކެވެ.