
ފުލުފުލުގައި ހައުސްފުލް ޝޯވތަކެއް ދެއްކުމަށްފަހު ދިވެހި ފިލްމު “ލިލީ” އޮލިމްޕަސް ސިނަމާގައި ދެއްކުން ނިންމާލައިފި އެވެ.
މިދިޔަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު އޮލިމްޕަސް ސިނަމާގައި ދައްކަން ފެށި މި ފިލްމުން ޖުމްލަ 14 ހައުސްފުލް ޝޯވއެއް ވަނީ ދައްކައިފަ އެވެ. އޭގެ ތެރޭގައި ދަންވަރު ޝޯވތަކާއި މެންދުރު ފަހު ޝޯވތައްވެސް ހިމެނެ އެވެ.
ގިނަ ބައެއްގެ ބޮޑު ތަރުހީބެއް ލިބުނު “ލިލީ” މިހާރު ދަނީ އަތޮޅު ތެރޭގެ ރަށްތަކުގައި ދައްކަމުންނެވެ. އެގޮތުން އަންނަ ހަފްތާ ބަންދުގައިވެސް ރާއްޖޭގެ ބޮޑެތި ސިޓީތަކުގައިވެސް މިފިލްމު ދައްކާނެ އެވެ.
މައިވަންތަކަމުގެ ލޯބިން މަހުރޫމުވެ ހެދިބޮޑުވަމުން އައި ކުއްޖެއްގެ ދިރިއުޅުން ބަދަލުވެގެން ދާގޮތް ދައްކުވައިދިން މި ފިލްމުގައި ރާއްޖޭގައި ހިނގާ އެތައް ކުށްތަކަކަށް ވަނީ އަލިއަޅުވާލައިފަ އެވެ. އައިޝާ އަލީ ލީޑް ރޯލުން ފެންނަ މި ފިލްމުގައި މުހިންމު ރޯލުތަކުން އަހުމަދު ޝާރިފް، މުހައްމަދު އިޝްފާން އަދި މަރިޔަމް ޝިމާވެސް ފެނެ އެވެ.
“ލިލީ” ބެލި ގިނަ މީހުން ފާހަގަކުރި ގޮތުގައި މިއީ އަސަރުގަދަ ފިލްމެކެވެ. ހާއްސަކޮށް ފިލްމުގައި އަނިޔާ ލިބޭ ކުދިންގެ އިހުސާސްތައް ގެނަސްދީފައިވާ ގޮތް މީހުން ފާހަގަކުރި އެވެ.

